ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ސިފައިންގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ޝަމާލް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ޓެސްޓު ކުރުމުން ކަމަށެވެ.
"ޗީފް މިހާރު ހުންނެވީ އަމިއްލަފުޅު ގޭގައި އައިސޮލޭޝަންގައި. ޗީފް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނު ކުރަންޖެހޭ ފަރާތްތައް ވަނީ ކަރަންޓީނު ކޮށްފައި،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޗީފް ޝަމާލް ކޮވިޑަށް ޕޮޒިޓިވް ވިޔަސް އާންމު އެއްވުންތަކުގައި ވެސް މިހާތަނަކަށް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
"ރާއްޖެ އިން ބޭރަށް ވެސް ވަޑައިގެންފައެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެއް މުއައްސަސާއެއްގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި އެއް ތަނަކީ އެމްއެންޑީއެފެވެ. އެކަމަކު، މިހާތަނަށް އެއްވެސް މީހަކު ސީރިއަސް ހާލަތަކަށް ނުދެ އެވެ.