ރައީސް އޮފީސް: ކެބިނެޓް އެޖެންޑާތައް ދޫނުކުރަން ނިންމީ ރަނގަޅަށް ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރު މިއަދު ނިންމެވި- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖެނުއަރީ 2021 - 16:32
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަހު ދައުރުގެ ދެ އަހަރެއްގެ ކެބިނެޓް އެޖެންޑާ ހޯދަން ފަރުދީ ގޮތުން މީހަކު އެދުމުން އެ އެޖެންޑާތައް ދޫނުކުރަން ރައީސް އޮފީހުން ނިންމީ ރަނގަޅަށް ނޫން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ނިންމަވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުޝާމް މުހައްމަދުފުޅު ރައީސް އޮފީހަށް ހުށަހެޅުއްވީ 2004 އަދި 2005 ގައި ބޭއްވި ކެބިނެޓް ބައްދަލުވުންތަކުގެ އެޖެންޑާ ހޯދަން އޭނާ ހުށަހެޅުއްވުމުން އެ އެޖެންޑާތައް ދޫނުކުރުމާއި އެ ދެ އަހަރު ރައީސް އޮފީހުން ހޯމް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތައް ހޯދުމަށެވެ. އެ ދެ ހުށަހެޅުއްވުމުގައި ހޯދަން އެދުނު މައުލޫމާތު ވެސް ދޫނުކުރެވޭނެ ކަަމަށް ރައީސް އޮފީހުން ނިންމުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އޭނާ ހުށަހެޅި މައްސަލަ އިންފޮމޭޝަން ކަމިޝަނަރު މިއަދު ނިންމެވީ އާއްމުކޮށް ހުޅުވާލައިގެން ދެ އަޑު އެހުމެއް ބޭއްވެވުމަށް ފަހު އެވެ.
ކެބިނެެޓްގެ އެޖެންޑާ ހުޝާމަށް ދޫކުރުމާއި މެދު ފުރަތަމަ މަރުހަލާގައި ރައީސް އޮފީހުން އޭނާއަށް ދިން ޖަވާބަކީ ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ދައުލަތުގެ ސިއްރު ހިމެނޭތީ ދޫކުރެވެން ނެތް ކަަމަށެވެ. އެ ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެކަން މުރާޖައާކޮށްދެއްވުން އެދި އޭނާ ދެވަނަ ފަހަަރަށް ރައީސް އޮފީހަށް ހުށަހެޅުމުން ވެސް ރައީސް އޮފީހުން ނިންމީ އެ މައުލޫމާތުތައް ނުދިނުމަށެވެ. އިންފޮމޭޝަން ކޮމިޝަނާގެ އޮފީހަށް މައްސަލަ ހުށަހެޅީ އެހެންވެ އެވެ.
އެ މައްސަލައިިގައި މިއަދު ބޭއްވި އާއްމު އަޑު އެހުމުގައި ރައީސް އޮފީހުން ބުނީ ހުޝާމް ހުށަހަޅާފައި ވަނީ ސީދާ ކޮން މައުލޫމާތެއްކަން ސާފުވެސް ނުވާ ކަމަށެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ނިންމެވީ ހުޝާމް ހޯދަން އެދުނީ ސީދާ ކޮން މައުލޫމާތެއްކަން ސާފުނުވާ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެއީ ކޮން މައުލޫމާތެއް ސާފުވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި މައުލޫތު ނުދޭން ނިންމި އިރު، އެއީ ދައުލަތުގެ ސިއްރު އެކުލެވޭ މައުލޫމާތެއް ކަމަށް ބުނަން އެނގުނީ އެހެންވެ ކަމަށް ވެސް ފިޔާޒްގެ ނިންމެވުމުގައި ވިދާޅުވި އެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމާއި މާނަކުރުމުގައި އެންމެ އިސް މަސްލަހަތެއް އޮންނަންވާނީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބުމުގެ މައްޗަށް ކަމަށް ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު މައުލޫމާތު ދޫކުރުމުގައި އިސްތިސްނާ ނުކުރެވޭނެ ތިން ޝަރުތެއް ހަމަވާ ލިއުމެއް ހިފެހެއްޓޭނެ ގާނޫނީ ހުއްޖަތެއް ނެތްކަން ފާހަގަކުރެވޭ،" އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމުގައި ވިދާޅުވި އެވެ.
ހުޝާމް ހޯދަން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ޝަރުތައް ހަމަވާ، ހޯދަން އެދެވޭނެ މައުލޫމާތެއް ކަމަށް ވެސް ފިޔާޒް ވިދާޅުވި އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިންދުކޮޅު
11 January 2021
ޢިންފޮމޭޝަންކޮމިޝަންއައް އާއްމު މީހަކާއި ދައުލަތާދެމެދު ހުރި ފަރަގުވެސް ނުއެގޭ އިންފޮމޭޝަން ކޮމިޝަންއައް ކިޔަވާދޭން ޖެހެނީ
ޢަބްދުﷲބުނި ޖަދުވާނު
11 January 2021
ބަލަ ތިޔަ އިންފޮރުމޭޝަން ކޮމިޝަނުން ނޫންތޭ ޕާރޓީގެ ރަޖިސްޓަރީ ހޯދަން ރައީސް މައުމޫނު އެދި ވަޑައިގަތީމަ ނަގޫފިތިފަ އޮތީ
އައްބެ
11 January 2021
ކޮންމެވެސް ނޫސްވެރިޔަކު ވެއްޖޭ ރައީސް އޮފީހުގެ 2008- 2012ގެ ހުރިހާ ކެބިނެޓް އެޖެންޑާއާއި ޔައުމިއްޔާތަކަކާއި އެދުވަސްވަރު އެއޮފީހުން ވުޒާރާތަކަށާއި ބޭރުގެ ފަރާތްތަކަށް ފޮނުވާފައިވާ ހުރިހާ ލިޔެކިޔުމަކާއި ރައީސް ބައިވެރިވެވަޑައިގެންނެވި ހުރިހާ ބައްދަލުވުންތަކުގެ ވީޑިޔޯތަކާއި ޔައުމިއްޔާ ކޮޕީ ހޯދައިދީފައި އެތަކެތި ނޫހުގައި ޕަބްލިސްކޮށްދޭން. މަ އެއްވެސް ޝައްކެއްނުކުރަން މި މައުލޫމާތު ނުދޭނެކަމަކަށް. އަދި ނުދީފިނަމަ މަޖިލިސްގެ ރައީސް ވަރަށް ކޯފާވާނެ.
ކައުންސެލަރު
11 January 2021
ކިހާ ރަނގަޅު! މައުމޫން ދައުރުގެ ކެބިނެޓް ބައްދަލުވުންތަކެއްގެ ޔައުމިއްޔާ/ލިޔުން ތަކެއް ދޫކުރަން އެންގިއިރު އޭގައި އާންމުންނަށް ކޮންމެހެން އެނގެން ނުޖެހޭ ކަންކަންވެސް ހުންނާނެއިރު އެނުވޭ ގައުމީ ސަލާމަތަށް ނުރއްކަލަކަށް. އެކަމަކު އިންޑިޔާ ސިފައިން މިގައުމުގައި ތިބިވަރު ހާމަކުރަން ޖެހުނީމާ އެކަންވީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް. މީ ދެފުށް ފެންނަ ސަރުކާރޯ. ކަޑަ؟