ގއ. ދެއްވަދޫގައި ފެތުރެން ފެށި ކޮވިޑް ބަލީގެ ކްލަސްޓާއާ ގުޅުން ހުރި ކުއްޖަކު އެ އަތޮޅު ވިލިނގިލިން ޕޮޒިޓިވްވެއްޖެ އެވެ.

ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު މިއަދު ވިދާޅުވީ ދެއްވަދޫގެ ކޭސްއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވީ އެ ރަށުގައި ކިޔަވަމުން އަންނަ ދާންދޫ ކުއްޖެއް ކަމަށެވެ.

މި ކޭސްއާ އެކު ވިލިނގިއްޔާއި ދާންދޫ ވެސް އެޗުޕީއޭ އިން ވަނީ މޮނިޓަރިންގެ ހާލަތަށް ލައިފަ އެވެ.

މަތީ ގްރޭޑުގައި ކިޔަވާ އެ ދަރިވަރު މިދިޔަ އާދިއްތަ ދުވަހު ސްކޫލަށް ވެސް ދިޔަ އެވެ. އެކަމަކު ދެއްވަދޫގައި ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓުވެފައި ހުރި ކަން އެނގުމުން ހަމަ އެ ދުވަހު އޭނާ އައިސޮލޭޓްކުރުމަށް ފަހު ޓެސްޓުކުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ކުއްޖާ ވިލިނގިލީގައި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މިދިޔަ މަހު ދެއްވަދުއަށް ދިޔައީ، ސްކޫލު ޗުއްޓީގައި ރަށުގައި ހުރުމަށް ފަހުގަ އެވެ. އެ ދަތުރުގައި ދެއްވަދޫގައި ދެ ތިން ދުވަހު މަޑުކުރި ކަމަށް ވެ އެވެ. އެއަށް ފަހު އެ ކުއްޖާ އަނެއްކާ ދިޔައީ ދާންދުއަށެވެ.

މާލެ ފިޔަވައި މިހާރު އެންމެ ގަދައަށް ކޮވިޑް ފެތުރެމުން އަންނަ ދެއްވަދޫން ވެސް އިތުރު ދެ މީހުން ވަނ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއާ އެކު އެ ރަށުގެ އެކްޓިވް ކޭސްތައް 35 އަށް އެރީ އެވެ.

އެންމެ ފަހުން ޕޮޒިޓިވްވި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ޝަރީފް ވިދާޅުވި އެވެ.