މި މަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅު ފެރީން ދަތުރުކުރި މީހުން ކަރަންޓީންވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗުޕީއޭގެ ޓްވީޓެއްގައި ބުނީ "ކޮއިމަލާ 4" ގައި އެ ދުވަހު ދަތުރުކުރި އެންމެން، އެ މީހަކު އުޅޭ ރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަކަށް އެންގުމަށެވެ. އަދި އެމީހުން މި މަހުގެ 23ގެ ނިޔަލަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ވެސް އެޗުޕީއޭއިން ބުނެ އެވެ.
މާލެ ފިޔަވާ ކޮވިޑް އެންމެ ބޮޑަށް މިހާރު ފެތުރެމުން އަންނަނީ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގެ ހާލަތު ގޯސްވާން ފެށީ ދެއްވަދޫން ފެނުނު ކްލަސްޓާއަކާ ހެދި އެވެ. އެ ކްލަސްޓާއަށް ނިސްބަތްވާ ކޮވިޑް ކޭސްތައް ވިލިނގިއްޔާއި ދާންދޫން ވެސް ވަނީ ފެނިފަ އެވެ. އެހެންކަމުން އެ ދެ ރަށް ވެސް އޮތީ މޮނިޓަރިންގަ އެވެ.
ދެއްވަދޫ ކްލަސްޓާގައި ޕޮޒިޓިވް މީހުންގެ އަދަދު 39 އަށް އަރަ އެވެ.
ރާއްޖެއިން މިހާތަނަށް 14،277 މީހުން ކޮވިޑް-19 ޕޮޒިޓިވްވެ، މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 783 މީހުންނެވެ.