ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރި އެ އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާތީ، އެ ރަށްރަށުގައި އުޅޭ އެހީތެރިކަން ބޭނުންވާ އާއިލާތައް ފާހަގަކޮށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ، ގއ. ދެއްވަދޫގެ އިތުރުން އެ އަތޮޅު ދާންދޫ، ވިލިނގިލި، ލ. ގަން އަދި ފޮނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މި ރަށްތަކުން 53 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 43 މީހުންނަކީ ދެއްވަދޫ މީހުންނެވެ. ފޮނަދޫ އިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު ދާންދޫ އިން ދެ މީހަކާއި ވިލިނގިލިން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ރަށްރަށުގައި އުޅޭ ނާޒުކު، އެހީތެރިކަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށެވެ. އަދި ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
ޖެންޑާ މިނިސްޓްރީން އެހީ ފޮނުވަން މަސައްކަތްކުރަމުން އަންނައިރު ގއ. އަތޮޅުގެ އެކި ރަށްރަށުން އަންނަނީ، މޮނިޓަރިންގައިވާ ރަށްރަށަށް އެހީ ފޯރުކޮށްދެމުންނެވެ. ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދެއްވަދޫގައި ކޮވިޑްގެ ސަބަބުން ސިއްހީ ހިދުމަތާއި ވިޔަފާރިތަކަށް ވެސް ބުރޫ އެރުމުން ރަށްރަށުން ކާބޯތަކެއްޗާއި ފެން ފަދަ އެކި ސާމާނު އަންނަނީ ފޮނުވަމުންނެވެ.
މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 750 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އަދި 250 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި ހައި ރިސްކު 101 މީހުން ހިމެނެ އެވެ.
އެ ސަރަހައްދުގައި ކޮވިޑް ފެތުރެން ދިމާވި އެއް ސަބަބަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުނުކޮށް ދަތުރުކުރުން ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ އިދާރާ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އުސޫލްތަކަށް އަމަލުކުރުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.