ކޮވިޑް-19 އާ ދެކޮޅަށްއިންޑިއާއިން އުފައްދާފައިވާ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް، އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

ވެކްސިން ދިނުމަށް މުޅި ދުނިޔޭގައި ވެސް ހިންގާ އެންމެ ބޮޑު އެއް ޕްރޮގްރާމް އިންޑިއާގައި ވަނީ އިއްޔެ ފަށައިފަ އެވެ. އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީ އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ބޮޑުވަަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގައި ވދެ ވެކްސިނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިން އަށެވެ.

ސަންޖޭ ވިދާޅުވީ ކޮވިޑުން ރައްކާތެރިކަން ހޯދަން ރާއްޖެ އަށް ވެކްސިން ފޯރުކޮށްދިނުމަކީ ރާއްޖެއަށް އެހީތެރިކަން ދިނުމުގައި އަބަދުވެސް އެންމެ ގާތުގައި އޮންނާނީ އިންޑިއާކަން އިތުރަށް ހާމަވެގެންދާނެ ކަމަކަށް ވާނެ އެވެ.

ރާއްޖެއަށް ބޭނުންވާ ވެކްސިން ގެންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން އެގްރިމެންޓާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިދިޔަ ޑިސެމްބަރު 31 ގައި ނެރުއްވި ގަރާރުގައި ވިދާޅުވީ، ބަލިން ރައްކާތެރިވާ ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ. އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑު ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން މިދިޔަ މަހުގެ ފަހުކޮޅު ހުއްދަ ދީފައި ވެ އެވެ. އެއާއެކު، ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުގައި ވެކްސިން ޖަހަން ފަށާފައިވެ އެވެ.