ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމުގެ މަސައްކަތް ލަސްވަމުން ދިއުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންޑީއޭއަށް އިސްލާހު ގެންނަން ޖެހިފައިވާކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެކަމަކު އެ މަސައްކަތް ފަސްވެ، ލަސްވަމުން ދިއުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ގާނޫނުން ލާޒިމްކޮށްފައިވާ އެންޑީއޭ އިސްލާހުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިނެއް ވެސް ކުރަމުންނެވެ. "ހޭންޑްސްޓުގެދާ" ނަމަކަށް ކިޔާ ޖަމިއްޔާއިން އިސްވެ ކުރިއަށްގެންދާ ކެމްޕެއިންގައި ޕެޓިޝަނެއް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ވަރަށް އަވަހަށް ހުށަހަޅާނެ އެވެ.
އެންޑީއޭއާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮތުމާއި އެ ތަނުން ދޭ "މުސްކުޅި" ފަރުވާ އެވެ.
އެ އެޖެންސީ ހިންގާ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވީ މަސްތުވާތަކެތީގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ދޭ ފަރުވާއަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށެވެ. ނަމަވެސް އެކަމުން މިންޖުވުމަށް ކިއުގައި ތިބި މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އެ ތަނުން މިދިޔަ މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ ފަރުވާ ނުފެށި 617 މީހުން ތިއްބެވެ
ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އެންޑީއޭއަށް ހަތަރު މަސް ފަހުން ސީއީއޯއެއް ވެސް ވަނީ އައްޔަންކޮށްފަ އެވެ. އެ މަގާމަށް މިދިޔަ ހަފުތާގައި ހަމަޖެއްސެވީ، އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުހައްމަދު ހަބީބެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރު ކުރިން އުފެއްދި އެޖެންސީ ހިންގަމުންދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރުން އައިސް އެ ތަން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެވެ.