ސީދާ ހަރަކާތަށް ނުކުންނަން ޕީޕީއެމާއި ޕީއެންސީގެ ކައުންސިލުން ފާސްކޮށް، ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި މިއަދު މުޒާހަރާއަށް ނުކުތުމުން ހައްޔަރުކުރީ ބިރު ދައްކަން ކަމަށާއި އެގޮތަށް ނުހުއްޓުވޭނެ ކަމަށް ފުލުހުންގެ ބަންދުން މިރޭ ދޫކޮށްލުމުން ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފަށް އެއްވެ އުޅެނިކޮށް އަބްދުއްރަހީމް (އަދުރޭ)އާ އެކު 21 މީހަކު ހައްޔަރުކުރި އެވެ. އޭގެތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއާ އެކު ބައެއް މީހުން މިރޭ ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންގެ ބަންދުން ދޫކޮށްލުމާ އެކު އަތޮޅުވެހި ކައިރީގައި ޗެނަލް13އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ "ސީދާ ހަރަކާތަށް މިތިބީ ނުކުމެ ކަމަށާއި ދެން ނުހުއްޓުވޭނެ" ކަމަށެވެ. މުޒާހަރާ އިން މިއަދު ހައްޔަރުކުރީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ހިންގައިގެން ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސުލްހަވެރިކަމާ އެކު މުޒާހަރާކުރަނިކޮށް ހައްޔަރުކުރީ ފުލުހުންގެ އިސްވެރިންގެ އޯޑަރަށެވެ.
"އެ ކުދިން [ފުލުހުން] ތިބީ ޣައިރު ގާނޫނީ އަމުރަށް ތަބާވާގޮތަކަށް ނޫން. ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނާ ދޭތެރޭގައި އަތޮޅުވެހީގައި އަމަލުކުރީ. އެކަމަކު ފުލުހުންގެ އިސްވެރިން އޮތީ ވަރަށް ނުބައިކޮށް އަޅުގަނޑުމެންނާ ދޭތެރޭގައި ކަންކަން ކުރަން ރާވާފައި،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލަށް ލައިގެން ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ. އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށާއި މުޒާހަރާއަކުން ގެންގޮސް 24 ގަޑިއިރަށް ޖަލުގައި ތިބެން ޖެހުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޔާމީން މިނިވަންކުރުމަށާއި ގައުމުގައި ހިންގާ ލާއިންސާނީ ކަންކަން ހުއްޓުވަން އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތް ހުއްޓުވަން ދައްކާ އެއްވެސް ބިރަކަށް ޖެހިލުން ނުވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދާ ގޮތަށް ދާނީ ކުރިއަށް، ރައީސް ޔާމީން މިނިވަންކޮށް، މި ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މި ކުރަނީ،" އަދުރޭ ވިދާޅުވި އެވެ.
އިދިކޮޅުން މިއަދު މުޒާހަރާގައި ކަންބޮޑުވުން ފާޅުކުރީ ކައުންސިލް އިންތިޚާބު ލަސްކުރަން ސަރުކާރުން އުޅޭ ކަމަށް ތުހުމަތުކޮށެވެ. މީގެ އިތުރުން ޔާމީން ދޫކޮށްލަން ވެސް މުޒާހަރާގެ ބައިވެރިން އަޑު އުފުލި އެވެ. ވަކި ހިސާބަކުން ފުލުހުން މުޒާހަރާ ހުއްޓުވީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވުން ބާއްވާތީ ރޫޅާލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.