ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އާންމުންނަށް ކޮވިޑް-19 ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ.
އެ އިދާރާގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ. އެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ލިސްޓަކަށެވެ.
އެ ލިސްޓުގައި ތިބި މީހުންނަށް، ވެކްސިން ޖަހަން ޖެހޭ ގަޑި އަންގާނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
"އެޗްޕީއޭއިން މިހާރު އިއުލާނު ކޮށްފައިވާ ކެޓަގަރީތަކުގައި ތިބި މީހުންގެ ލިސްޓަކަށް ވެކްސިން ޖަހަން އެޗްޕީއޭ އިން ހަވާލުކުރީ އޭޑީކޭއާ. އޭޑީކޭ އިން ވެކްސިން ޖެހުން ކުރިއަށް ގެންދަން މި ތަން މި ދިނީ ޖާގަ އޮތީމައާ އެކީގައި،" ޒިޔާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މަޖިލީހުގެ އިދާރާގައި ވެކްސިން ޖަހައިދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސް ދުވަހު ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.
މަޖިލީހުގެ އިދާރާގައި ވެކްސިން ޖަހައި ދިނުމުގެ ޚިދުމަތް ފެށީ މަޖިލީހުގެ މެމްބަރުންނާއި އެ އިދާރާގެ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ނޫން ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުން އަންނަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މާލެ ސަރަހައްދުގެ ހަތް ވެކްސިނޭޝަން ސެންޓަރާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ 21 ސެންޓަރަކުން މިހާތަނަށް 16،251 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.