މިއީ 130 މިލިއަން ޑޮލަރުގެ މަޝްރޫއެއް. ލޯނު ނަގަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން.
20 ފެބުރުއަރީ 2021 - 19:45
އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު މިއަދު ސޮއިކޮށްފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ފޮރިން މިިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަށް އެގްޒިމް ބޭންކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ލެޓާ އޮފް އިންޓެންޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި އެފަދަ ވައުދުތައް ފުއްދަން އިންޑިއާގެ އިންވެސްޓަރުން ރާއްޖެ ގެންނަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އެންބީސީސީން މި މަސައްކަތް ދެ އަހަރު ބައިން ނިންމާނެ އެވެ.
މި 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އެންބީސީސީ އާއި ފަހި ދިރިއުޅުން ކޯޕޮރޭޝަންއާ ދެމެދު މި މަހުގެ ދެ ވަނަ ދުވަހު ސޮއިކޮށްފައިވާކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ. އަދި މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސްކުރާނީ ކޮންޓްރެކްޓަރެވެ. އިމާރާތްކުރާނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1،400 ޔުނިޓާއި، 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.
މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާޚާނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާޚާނާގެ 600 ޔުނިޓެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ފަސް ދާއިރާއަކުން އެހީ ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެހީ ދިނުމާއި އާބަން ޑިވެލޮޕްމަންޓާއި ނ. ކެނދިކުޅުދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓްގެ މަޝްރޫއުއަށް އެހީ ދިނުމާއި އަދި ބްރޯޑްކާސްޓިން ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންނޭ
21 February 2021
ކަލޯގަޔާ މީވާ ގަދަ ބައެއް. އަންނަން އޮތް ޖީލުތަކަށް ވާވަރަށް މިހާރުވެސް ފްލެޓް އަޅައިފި. ކިތައް ވޯޓު ދޭންވީ؟ ބުނި ވަރަކަށް ދޭނަން. ކިތައް ދައުރު ބޭނުމީ؟ ބޭނުން ވަރަކަށް ދޭނަން.
ގަހުރަމާނު
21 February 2021
އިންޑިޠާ ސްޓަންޑަރޑަށް ހަދާނެ، ނިމޭނީ އިންޑިޔަން ސްޓަންޑަރޑް ޓައިމުގަ. ވަރަށް ގިނަވާހަކަ، ތި ތަންތަން ނިމުނު ދުވަހަކުން ބަލާލަން، މިކޮމެންޓް ކޮންމެވެސް ކުއްޖަކު ސޭވް ކޮށްފަ ބާއްވާ! ތިކުންފުނިން، އައިޖީއެން އެޗްއެޅީ! ތަންހުޅިވިތާ ދެއަހަރުވީއިރު، ވިއްސާ ކޮޓަރީގެ ފަންގިފިލާ ތަނުގަތިބި މީހުން ބޮލަށް ވެއްޓުނު. 5 އަހަރު ވީއިރު، އެވަރުގެ ހޮސްޕިޓަލެއް އަޅާހާ ފައިސާ ދައުލަތުގެ ބަޖެޓުން ތަނުގެ މަރާމާތައް ޚަރަދުވި!
އަބްޑޫޅް
21 February 2021
މި ފުލެޓު ތަކުގަ ހުންނަނީ އުޑަފައިން ފޫހަރާ ފާހާނާދޯ؟
ހޮޓްކިންގ
21 February 2021
ރައްޔިތުން ގުނބޯ ހައްދާ ބޮލުގާ ތެތްގޯނި އަޅުވާ ކެމްޕެއިންގާ އިންޑިއާ ބައިވެރިވެއްޖެ.
ޠހޔޔތ
21 February 2021
ހަހަހަ އިންތިހާބަށްޖަހާމުޑި. ހުވަފެނުންވެސް ތިނުފެންނާނެ ތޯއްޗެ
ކާސިމު
21 February 2021
އެންމެ ދެހާސް މަހީކުރީ 20 ހާސް ވަރު އަޅާނެކަމަށް އިބުރާހިމް ވެރިކަމަށް އައުމުގެ ކުރިންނާއި ފަހުންވެސް އެހެން ވިދާލުވިހަނދާންވާތީ ތިނުވަނެ ޕާޓީ ކުދިންގެ ކަރުހިއްކުން ފިލާވަރުވެސް
އަލިމާ
21 February 2021
އަނެއްކާ އިންޑިޔާގެ ކަޑަ ބިލްޑިންގް ތަކެެއް
ދެރަ
21 February 2021
އާޅެ މިއީ މިނިވަން ދައުލަތެއްނޫންތަ؟ ފަޚުރުވެރިވާ ޓުއަރިޒަމްގެ އޮސްކާ އެވޯޑް ހޯދާފައިވާ މަޝްހޫރި މުއްސަދިންގެ ޗުއްޓީ ހޭދަންކޮށްލަންއަންނަ މަންޒިލެއްނޫންތަ؟ ގައުމުގައި ނަންހުސްކޮށް މުވައްސަސާތައް ހަދާ ބިޔަބޮޑު މުސާރަވެރިން ލައިގެން ލެއްވިނަމަ ލެއްވިހާ ޓެކްސެއްނަގާ ދައުލަތެއްނޫންތަ؟ އެކަމަކު އެފައިސާއިން ކުރަނީ ކީއްކަމެއްނޭންގެއޭ ރައްޔިތުން ބުނާހާވަރަށް ދައުލަތް ދަރަނިވެރިވެ ވަކި ގައުމެއްގެ އުނގައްވެއްޓެންޖެހޭ ސަބަބެއް ނުވިސްނު. ހުސްދަރަނި
ދިވެއްސެއް..
21 February 2021
ހަބަރުގައި އޮތް އަދަދު ތަކަށް ބަލާއިރު ޔުނިޓަކަށް މިޖެހެނީ ގާތްގަޑަކަށް 1 މިލިއަން ރުފިޔާ. ނަމަވެސް ހަދާ ނިމޭއިރު ތީން ޔުނިޓެއްގެ އަގު 3 ނުވަތަ 4 މިލިއަން ރުފިޔާއަށް އަރާފަ އޮންނާނީ. އަދި ނިމޭއިރު ހުންނާނީ އެގްރީމެންޓުގައި ހުރިގޮތާ ހިލާފަށް އަދި ފެންވަރުވެސް ދަށްކޮށް. ކުރިން މިކަހަލަ ޕްރޮޖެކްޓް ތަކަށް ކަންތައް ވެފައިހުރިގޮތް މިއީ.
އިސްމާލި
21 February 2021
ރަނގަޅު ވާހަކައެއް. މީން ކޮންމެ ކަމަކީވެސް ބަޔަކަށް ވިޔަފާރި ގަނޑެއްް. އަހަރެމެން ނަމުގައި ގެރެންޓީ ދީގެން، ލޯނު ނަގައިގެން އިމާރާތް ކުރަނީ އިންޑިއާ ކުންފުނިން، ނިމިގެން ވިއްކަނީ އެމީހުން ފައިދާ ލާފައި. ފްލެޓުތަކަށް ފައިސާ ދައްކަނީ އަނެއްކާ އަހަރެމެން ދަރާ ވިކިގެން. ނިމޭއިރު އިންޑިއާ ކުންފުންޏަށް ދޭ ފައިދާއާއި ބޭންކު ލޯނަށް ދައްކަންޖެހޭ ރިބާވެސް އަހަރެމެން އަތުން. ނަމުގައި "ސޯސަލް ހައުސިން"
ޑިޑިން
21 February 2021
އިންޑިޔާ ވައްތަރަށް ދަނގަޑު އިސްކުރު ލާފަ ނުހަދާތި
ދޯސާލު
21 February 2021
ދޯ އެކަމަކު އެގޮތް ބޭނުން މީހުން އުޅޭހެންހީވޭ.