ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށް، ކުރިން ނުވާ އުނދަގުލެއް ވާ ނަމަ އެކަން އެޗްޕީއޭ އަށް އަަވަހަށް އަންގައި ފަރުވާ އަވަސްކުރަން ޖެހޭ
ކޮވިޑް ބަލީގެ މީހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ބާއްވާފައިވާ މީހަކަށް ފަރުވާ ދެނީ.
23 ފެބުރުއަރީ 2021 - 14:48
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު ބަލީގެ މާ ބޮޑު އަލާމާތެއް ނެތި ކުއްލިއަކަށް ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެއީ މިހާރު އޮތް ކަންބޮޑުވުމެއް ކަމަށް ޑރ. މޫސާ މުރާދު ރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް (ސީމެޓް)ގެ މެންބަރު ޑރ. މުރާދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ ތެރޭގައި ކުރިއާ އަޅާބަލާއިރު ޒުވާން އުމުރުގެ މީހުން މިހާރު ގިނަ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މެދު އުމުރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ކޮވިޑްގެ ނުރައްކާ އާންމުކޮށް ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.
ބަލިޖެހޭ މީހުންގެ އަދަދު ދަށްކޮށްގެން ނޫނީ އެކަށީގެންވާ ސިއްހީ ފަރުވާ ދޭން ދަތިވާނެކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ޑރ. މުރާދު ވިދާޅުވީ ބަލިޖެހޭ މީހުން އިތުރުވުމާ އެކު ދެން އޮތް ކަންބޮޑުވުމަކީ ބަލީގެ އަލާމާތެއް މާ ބޮޑަށް ނުފެނި ހުރެފައި ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަވުން ކަމަށެވެ.
"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައި ވިޔަސް ވެސް ކުއްލިއަކަށް ހާލު ދެރަވާ މީހުން،" މިއީ ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު އޮތް ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ޑރ. މުރާދު ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވް ވިޔަސް ބަލީގެ އަލާމާތް މާ ބޮޑަށް ނުފެންނަ ނަމަ ގޭގައި ވެސް ބައެއް މީހުން ބައިތިއްބަ އެވެ. އެހެންކަމުން ޑރ. މުރާދު އެދިވަޑައިގަތީ ކުރިން ނުވާ އުނދަގުލެއް ވާން ފަށައިފި ނަމަ ވީހާވެސް އަވަހަށް އެކަން އެޗްޕީއޭ އަށް އަންގައި އަވަހަށް ފަރުވާ ހޯދާށެވެ.
ޑރ. މޫސާ މުރާދު: އޭނާ ވިދާޅުވީ ކޮވިޑްގައި ފަރުވާދޭން ޖެހޭ ޒުވާނުންނާއި ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަވެއްޖެ ކަމަށް.
ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ފަށައި އެތައް ބަޔަކު ވެކްސިން ޖަހާފައި ވިޔަސް މިއީ އަދި ބައްޔާ މެދު ފަރުވާ ކުޑަކޮށްލައިގެންވާނެ ވަގުތެއް ނޫން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ. ވެކްސިން ޖެހުމަކީ ބަލި ނުޖެހޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަކަށް ނުވާތީ އަދި މިހާތަނަށް ދީފައި ވަނީ ވެކްސިންގެ އެންމެ ޑޯޒަކަށް ވާތީ، ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވޭނީ ބަލިން ރައްކާތެރިވާން އާންމުކޮށް އަޅަން ޖެހޭ ފިޔަވަޅުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެކްސިން ޖަހާފައި ވަނިކޮށް ކޮވިޑްގެ ކުޑަ އަލާމާތެއް ފެނުނަސް ޓެސްޓުކުރުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް މީހުން ދެކެ އެވެ. ޑރ. މުރާދު ވެސް ވިދާޅުވީ ވެކްސިން ޖެހި ބައެއް މީހުން ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ދޭން އިންކާރުކުރާ ކަމަށެވެ.
މި އަހަރާ އެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް އަދި ބަލި ފެތުރުން ހަލުވި ވެސް ވެފަ އެވެ. އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެ އެނދުތައް ދަނީ ފުރެމުންނެވެ. މި އަހަރުގެ މިހާތަނަށް ކޮވިޑްގައި ހަ މީހަކު މަރުވެ އަދި ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭން 18،930 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 16،351 މީހުންނެވެ. އެހެންވެ މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2،500 އަށް ވުރެ މައްޗަށް އަރަ އެވެ. މިއީ ބަލީގެ ހާލަތު ރާއްޖޭގައި އެންމެ ބިރުވެރިކޮށް އޮތް އިރު ވެސް ނުދާހާ މައްޗެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
23 February 2021
އެހެންވިއްޔާ އެއީ ކޮވިޑް އެއް ނޫނެއްނު؟!؟ ބައިވަރު އެހެން ބަލި ބަލީގަވެސް ހާލު ބޮޑުވެދާނެއެއްނު؟!؟
މިވަރެއްނެތް
23 February 2021
ތި އިއުލާންކުރާ ކޮވިޑުގެ އަދަދު ގަބޫލުކުރަން މަށަށް ވަރަށްދަތި. ތިބުނާ އަދަދުތަކަކީ ކިތަށްދުވަހުން އެއްކޮށްފަ ނެރޭ ނަތީޖާއެއްކަންވެސް ހާމައެއްނުވޭ. އަދި މަގުމަތިން ކޮވިޑަށް ޓެސްޓްކުރަން މީހުން ކިއުގަތިބޭ މަންޒަރެއްވެސް ނުފެނޭ. ކޮވިޑު ވެކްސިން ސެންޓަރުތަށް ހުހަށް ހުންނައިރު ދުވާލަކު 3، 4 ހާސް މީހުން އަމިއްލައަށް ތިޓެސްޓު ނަހަދާނެދޯ؟ އަނެއްކޮޅުން އާބާދީގެ %20 އަށް ވެކްސިންދިއިރުވެސް ކޮވިޑު މެހުހަށްޖަހާފަ މައްޗަށްދަނީ ދޯ؟ މުޅިންވެސް ޑްރާމާ!
ހުސޭނުބެ23233
23 February 2021
ވެކްސިން ޖެހިޔަސް އޭގެ އަސަރު ކުރަނީ 3 ހަފްތާ ފަހުން. މާލޭގެ ތިން ހަތަރު ހިސާބު މަގުމަތިން ދުވާލަކަށް 1000-2000 މިންވަރަށް ޕީސީއާރު ޓެސްޓު އެބަ ހަދާ. ވަރަށް ގިނަ މީހުން ޕޮޒިޓިވްވެ، އެޑްމިޓްކުރަމުން އެބަދޭ. މި ގައުމު ހަލާކުވަނީ މިކަހަލަ ރޯނު އެދުރުންނާހުރެ
ރެކިބެއްޔާ
23 February 2021
ވަރަށް ދެރަ
އިޔެ1
23 February 2021
މިޤައުމުގައި ދަނޑިމާރު އަޅައިގެން ނޫނީ އެއްވެސްކަމެއް ނުވާނެ. ސަރުކާރަށް ދިވެހިން ނޭގުނު. ހަރުކަށި ސިޔާސަތަކުން ނޫނީ ނުވާނެ މިކަމެއް. ނޫނީ މިކަމެއްގައި އަދި 5 އަހަރު އުޅެންޖެހިދާނެ.
ސްކިޕަރ
23 February 2021
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސް، ކޮވިޑު ކޮންޓްރޯލްވީ ވޭނީ ލޮކްޑައުނަކަށްފަހު. ލޮކްޑައުން ނިމޭއިރަށް ދިވެހިން ދިވެހީންގެ ގަމާރުކަމާއި ގޮތްދޫނުކުރުމުގެ މަތީގައި ދިޔައީ ކުރިއަށް. ދަތްދޮޅީގައި މާސްކު އަޅައިގެން ހަވާއަރުވާތަން ބަލަން އެތައް ހާސް ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވުމާއ، ބޮޑެތި ކުޅިވަރު އިވެންޓުތަކާއި ޕާޓީތަކާއި ޝޯތައް ބޭއްވުމާއި، ބަލި އިތުރުވަނީއޭ ބުނުމުން ތިއީ ސިޔާސީކަމެކޭ ކިޔާ ބޮލުން ކަޓުވާލުމާއި މިހެންގޮސް ކިޔާނެކަމެއް ނެތް
ޔޯ
23 February 2021
ހިގާ ދޯ ނިއުއިޔާ ސުލުބުރޭޓް ކޮއްލަން ލަންޑަނައް ދާން
ށަވިޔަނި
23 February 2021
ތިވާހަކަ އަޑުއިވޭ ބަޔަކު ތިބިހެން ހީނުވޭ. ހިތާމައިގެ ކޮޅެއް ނެތް.
އައްލާބޭ
23 February 2021
އަސްލުވާގޮތަކީ ބަލިވީމަ ޓެސްޓުކުރަން ނުގޮސް މަގުމަތީގަހޫރިފަ ކޮއްޅަށް ނުހުރެވޭވަރުވީމަ ޓެސްޓު ހަދަން މިދަނީ ދާއިރު އޭނާގެ ސަބަބުން އެހެންމީހުންވެސް ތިބެނީ މިބަލިޖެހިފަ