މާލޭގައި ވެހިކަލް ޕާކް ކުރުމުގެ މައްސަލައަށް ހައްލު ހޯދަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައ ހެންވޭރު ބޮޑުފުންގަނޑު މަގުގައި އާ ޕާކިން ޒޯނެއް ހަދައިފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ދެ ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން ހެދި "ސީވިއު ޕާކިން" ގައި 120 ޖާގަ އޮންނާނެ ކަމަށެވެ. މިތަން ހަދާފައިވަނީ ބޮޑުފުންގަނޑު މަގު، މަޖީދީމަގާވީ ކޮޅުގަ އެވެ.
ޝިފާ ވިދާޅުވީ ސީވިއު ޕާކިން ކައިރީ އޮންނަ ކޮލިއުމަރު މަނިކު ގޯޅި އާއި އިބްރާހިމް ހުސެއިން ދީދީ މަގުގައި 100 އަށް ވުރެ ގިނަ ސައިކަލް ޕާކުކޮށްފައި ހުންނަ ކަމަށާއި އޭގެ ތެރެއިން ގިނަ ވެހިކަލަކީ ބޭނުންނުކުރާ އުޅަނދުތައް ކަމަށެވެ. މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ސައިކަލްތައް ނަގަން ނުވަތަ ސްޓިކާ ޖަހަން ކައުންސިލްގެ ފަރާތުން ފުލުހުންނަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާ އެދިވަޑައިގަތީ މަގުމަތީ ބޭނުން ނުކޮށް ހުރި ވެހިކަލްތައް ވެސް އެ ޕާކިން ޒޯނަށް ގެންގޮސް މަގު ހުސްކޮށްދިނުމަށެވެ.
"އަޅުގަނޑުމެން އިއްޔެ އެ ސަރަހައްދުގައި ހުރި ގެތަކަށް ސިޓީ ފޮނުވިން ކައުންސިލްގެ ފަރާތުން، އެ ޕާކިން ޒޯން ބޭނުންކުރަން އެދި،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ޕާކިން ޒޯނު ހަދަން ހުސްކުރި ތަނަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުން ވެސް ކުރިން ބޭނުންކުރި ތަނެއް ކަމަށެވެ. ޕާކިން ޒޯނަށް އެތަން ނެގުމުން މިހާރު އެ މައްސަލަ އަށް ވެސް ކޮންމެވެސް ހައްލެއް އަންނާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އެ ސަރަހައްދުގައި އުޅޭ މީހުންގެ ޝަކުވާ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ލިބޭ މިކަމާ ގުޅިގެން،" ޝިފާ ވިދާޅުވި އެވެ.
މި ޕާކިން ޒޯނުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދު ބާރުބޮޑުވާތީ، އުޅަނދުތަކަށް މުދާ އަރުވައި ބާލަން ވެސް ވަކި ޒޯނެއް ހަދާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.