ޖަޕާނުގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެ މައްސަލައާ ދެކޮޅަށް މަސައްކަތްކުރާނެ މިނިސްޓަރެއް ކެބިނެޓަށް އައްޔަންކޮށްފި އެވެ.

އަމިއްލަ އަށް މަރުވުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރަން އަލަށް ހަމަޖެއްސި މިނިސްޓަ އޮފް ލޯންލިނެސްގެ މަގާމަށް މިދިޔަ މަހުގެ 12 ދުވަހު ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ އައްޔަންކުރެއްވީ ޓެޓްސުޝީ ސަކަމޯޓޯ އެވެ.

ލޯންލިނެސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ސަކަމޯޓޯ ހުންނެވީ ޖަޕާނުގެ ދަރިމައިވާ ރޭޓް ދަށްވުމާއި ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމުގެ މަސައްކަތަށް ހާއްސަ މިނިސްޓަރެއްގެ ގޮތުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި ޖަޕާނުގައި އަމިއްލަ އަށް މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މިހާރު ގައުމީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. އެހެންވެ އެކަމާ ދެކޮޅަށް މަސައްކަތްކުރަން ކެބިނެޓަށް ވަޒީރަކު ހަމަޖެއްސީ އެވެ.

އަމިއްލަ އަށް މަރުވާ މީހުން އިތުރުވާތީ އެކަމާ ދެކޮޅަށް ދެން ސަރުކާރުގެ ތެރޭގައި ހާއްސަ ސިޔާސަތުތަކެއް އެކުލަވާލައި އެކަމަށް މަގުފަހިވާ ކަންކަންތައް ނައްތާލަން ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އަހަރެން ވަރަށް އުންމީދުކުރަން އެދެވޭ ނަތީޖާތަކެއް ނެރެވޭނެ ކަމަށް: ލޯންލިނެސް މިނިސްޓަރު

އާ މަގާމާ ހަވާލުވެވަޑައިގަތް ސަކަމޯޓޯ ވިދާޅުވި އަމިއްލަ އަށް މަރުވާން ދިމާވުމުގައި އެކި ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ގިނަ މީހުން ވަކިން އުޅުން އިތުރުވުމާ އެކު އެކަހެރިވެ، އެކަނިވެރިކަން އިހުސާސްކުރެވުން ހިމެނެ އެވެ. އެކަނިވެރި ކަމަކީ ހަނދާންނެތޭ ބައްޔާއި ހިތުގެ މައްސަލަތަކާއި ކެއުމުގެ ނުރަނގަޅު އާދަތައް ވެސް އިތިރުވެ، ސިއްހީ ބޮޑެތި ގިނަ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. ހާއްސަކޮށް ނަފުސާނީ ގޮތުންނެވެ.

"މި މައްސަލަ ބޮޑީ އަންހެނުންގެ މެދުގައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަމިއްލަ އަށް މަރުވާ މީހުން އިތުރުވާތީ އެކަމާ ދެކޮޅަށް ދެން ސަރުކާރުގެ ތެރޭގައި ހާއްސަ ސިޔާސަތުތަކެއް އެކުލަވާލައި އެކަމަށް މަގުފަހިވާ ކަންކަންތައް ނައްތާލަން ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އަހަރެން ވަރަށް އުންމީދުކުރަން އެދެވޭ ނަތީޖާތަކެއް ނެރެވޭނެ ކަމަށް."

ޖަޕާނުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ބޮޑު ވަބާ ކޮވިޑް-19 އަކީ ޖަޕާނުގައި މީހުން އެކަހެރިވެ، އެކަނިވެރިވާ ނިސްބަތް ވަކިން ބޮޑުވި އަހަރެކެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް އެ ގައުމުގައި އަމިއްލަ އަށް މަރުވި މީހުންގެ އަދަދު 2،153 އަށް އަރާ ކަމަށް ޖަޕަނީޒް ނެޝަނަލް ޕޮލިސް އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން 879 މީހުންނަކީ އަންހެނުންނެވެ. އަދި އެއީ 2019 ގައި އަމިއްލަ އަށް މަރުވި އަންހެނުންނަށް ވުރެ 70 ޕަސަންޓް އިތުރުވުމެކެވެ.