ކުއްލިއަކަށް ގޭޓް އާމް ވެއްޓެން އުޅުމުން ފަހަތުގައި އިން ނަރުސް އަތް މައްޗަށް ނަގަނީ
04 މާޗް 2021 - 15:27
އައިޖީއެމްއެޗުގެ މުވައްޒަފުންގެ ޕާކިން ޒޯނަށް ވަންނަ ތަނުގައި ހަރުކޮށްފައި ހުރި އޮޓޯ އިން ތިރިވެ މައްޗަށް އަރާ "ގޭޓް އާމް" ބޮލަށް ވެއްޓެން އުޅުމުން ސިއްސައިގެން ގޮސް ސައިކަލުން ވެއްޓި، ނަރުހެއްގެ ބައެއް ތަންތަން އިއްޔެ ބިނދިއްޖެ އެވެ.
އިއްޔެ ހެނދުނު ހިނގި މި އެކްސިޑެންޓްގައި ބޮޑަށް ޒަހަމްވީ ސައިކަލްގެ ފަހަތުގައި އިން ނަރުހެވެ. އެކަމަކު ސައިކަލް ދުއްވަން އިން ނަރުހަށް ވެސް އަނިޔާތަކެއް ލިބުނު ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުންޏެވެ.
ދެ ނަރުހުން ތިބި ސައިކަލްގެ ކުރިން ދެ ސައިކަލެއް ޕާކިން ޒޯނަށް ވަން އިރު ގޭޓް އާމް ރަނގަޅަށް މަސައްކަތްކުރި އެވެ. ދެ ނަރުހުންގެ ސައިކަލް ގޭޓް ހުރަސްކުރަން ދިޔަ އިރު ވެސް ގޭޓް އާމް ހުރީ މައްޗަށް އަރައިފަ އެވެ. އެކަމަކު އެ ހިސާބަށް ސައިކަލް އަރާ ހަމަވި ވަގުތު ކުއްލިއަކަށް ގޭޓް އާމް ތިރިއަށް ވެއްޓެ އެވެ. އެއިން ސަލާމަތްވާން ފަހަތުގައި އިން ނަރުސް އަތް ވެސް މައްޗަށް ނަގަ އެވެ.
ދެ ނަރުހުންނާ އެކު ސައިކަލް ވެއްޓިފައި: މިއީ އެގޮތަށް ހިނގި ފުރަތަމަ އެކްސިޑެންޓް ނޫން ކަމަށް ވޭ
"މިހާރު"އާ ވާހަކަ ދެއްކި، މައުލޫމާތު ހުރި މީހަކު ނަން ނުޖަހަން ޝަރުތުކޮށް، ބުނީ ފަހަތުގައި އިން ނަރުސް ސިއްސައިގެން ދިއުމާ އެކު، ދުއްވަން އިން ނަރުހަށް ކޮންޓްރޯލްނުވެ، އެތަނަށް ސައިކަލް ވެއްޓުނީ ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ވަގުތު އެތަނުން ހިނގާފައި ހުރަސް ކުރި އެހެން ނަރުހަކު އެމީހުން ނަގަން ދެ އެވެ. އޭރު ފަހަތުގައި އިން ނަރުސް، ތެދުވަން އުޅޭ ތަންކޮޅު ވެސް ފެނެ އެވެ. ސައިކަލް އޭރު އޮތީ، ދުއްވަން އިން ނަރުސްގެ ގައި މަތީގަ އެވެ.
ފަހަތުގައި އިން ނަރުހުގެ ވާތު ފައިގެ ކަކޫ ދަށުން ކަށިގަނޑެއް ބިނދުމުގެ އިތުރުން ކަނާތުގެ ކުޑަވާ އިނގިލި ވެސް ބިނދިފައިވާ ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި މިއީ އެގޮތަށް ގޭޓް އާމްގެ ސަބަބުން އެތަނުގައި އެކްސިޑެންޓް ހިނގި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މި ފަހުން ހަމަ އެކަހަލަ ގޮތަކަށް އެކްސިޑެންޓްވެ، މީހަކަށް ފަރުވާ ދޭން ޖެހުނު ކަމަށްވެ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން އައިޖީއެމްއެޗުން ވަކި އެއްޗެކޭ ނުބުނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
05 March 2021
މިއެކްސިޑެންޓް ހިނގަން ދިމާވީ ސައިކަލު ދުއްވި ފަރާތް ޢަމަލު ކުރި ގޮތުން. ޑިސްލައިކް ދިނަސް މީ ޙަގީގަތަކީ.
ޙެހެދހ
05 March 2021
ތިވެސް އަޅުވަން ތިއުޅެނީ ޔާންޓެ ބޮލުގަދޯ .ހެޔޮނުވާނެ ތިހެން އުޅެން އަބަދު . ޙަޖަމުނުވަންޖާ ކޮމެންޓު ނުޖަހާ އޯކޭ
85210
04 March 2021
ގޭޓް މަސައްކަތް ކުރާގޮތް ނޭނގޭތީ މިހެން މި ދިމާވީ.... ދެންވެސް ވަދެ ނިކުންނައިރު ޢަމަލު ކުރަންޖެހޭ ގޮތް މުވައްޒަފުންނަށް ސާފްކޮށްދިނުން ރަނގަޅު. މިފަދަ ކަމެއް މެދުވެރިވެދާނެ ވިސްނާނުލާ ހުއްޓާ ކުއްލިއަކަށް ގޭޓް ތިރިވީމަވެސް
އުދުހޭ
04 March 2021
މިކަހަލަ ގޭޓުން ވަދެނިކުމެ ހަދަންވާނީ ފަހަރަކު މީހަކު. ހުޅުވިފަ ހެއްޕުނީމާ އަނެއްމީހާ ހުޅުވައިގެން ވަންނާނީ. ދެން އަންނަމީހާ ޖެހީނީ މަޑުކުރަން ހެއްޕެންދެން. އަލަށްވީމަ މީތި މަސައްކަތްކުރާގޮތް ނޭންގެނީ ކަމަށްވެދާނެ. ބޮޑު ނޯޓިސްއެއް އެތާ ބުޑުގަ ބެހެއްޓުން ބުއްދިވެރި.
ޙަސީނާ
04 March 2021
އަމިއްލަ ފޯލްޓް ހިމެނޭ. އެހެން މީހަކު ކާރޑު ޖެހީމަ ވަދެގަތީ ނު!
ޢަބްދުލް
04 March 2021
ގޭޓްގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުފެނޭ ވީޑިއޯ ބަލާލީމަ. ޚަބަރުގަ ވީޑިއޯ ހިމަނާލިނަމަ ގިނަ މީހުންނަށް އެނގޭނީ އަސްލު ވީގޮތް. އެންމެ ފަހަރަކު ހުޅުވިފަ ހުއްޓާ 3 ސައިކަލު ޖެހި ޖެހިގެން އަވަސް އަރުވާލާފާ ދާން އުޅުނީމަ ގޯސް. އެމީހުންނަށް ކަނޑައޅިގެން އެނގޭނެ ދޯ އޭތި “މަޑުނުކުރާނެކަން” އެމީހުން ހުރަސް ކުރަންދެނެއް. އަވަސް ޝިފާއަކަށް އެދެން.
ޓެކު ގައި
04 March 2021
އޮޓޯ ގޭޓެއްގެ އާރމް މަސައްކަތް ކުރަން ޖެހޭ ގޮތަށްދޯ އެކުރީ. އެއްކާރޑް ޖަހާފަ 1 ސައިކަލް ވަނީމަ އާރމް ތިރި ވާނެ އަމިއްލައަށް. 3 ވަނަސައިކަލް ވަނީ އާރމް ތިރި ވަނިކޮށް. އޮޓޯއިން އޭނީ މައްޗަށް އަރާފަވެސް.
ލަބީބު
04 March 2021
ވެއްޓުނީ ޖެހިދާނެ ކަމަށް ބިރުން. އެކަމަކު ނުޖެހޭ.
ވަހީދު
04 March 2021
ތީތި އެތަނުގައި ހުންނާކަށް ނުޖެހޭ. ބޯޑެއް ބަހައްޓަންވީ އެތަން ޚާއްސަކޮށްފައިވަނީ ކޮންބަޔަކަށްކަން އެނގޭގޮތް ބަޔާންކޮށްފައި.ފ
ފޭކު
04 March 2021
މަކަރު ހަދައިގެން ބިޑް ކާމިޔާބު ކޮށްގެން ސަޕްލައިކޮށްފައިވާ ތަކެތީގެ ފެންވަރު!