ވެމްކޯގެ މާލޭ ސައިޓެއްގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. 

ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން ގެންދަނީ އެކަން ތަހުގީގު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ވެހިކަލް ޑަމްޕްކުރާ ކޮންޓެއިނާ ތެރެއަށް ޑްރައިވަރު ވެއްޓުނީ ރޭމްޕް މަތިންނެވެ. އޭނާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

އެ ހާދިސާގައި ޑްރައިވަރުގެ މޭކަށިނގަޑުގެ ތިން ތަނަކުން ބިނދިފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ވެމްކޯގެ ބަހެއް އަދި ނުލިބެ އެވެ.