ވެމްކޯގެ މާލޭ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފަށް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ފަހު ރޭ ނަގައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް ވިދާޅުވީ އެ ދިވެހި މީހާ ވެންޓިލޭޓަރުން މިއަދު ހެނދުނު ނަގައި، މިވަގުތު ފަރުވާދެމުން އަންނަނީ ސާޖިކަލް އެޗްޑީޔޫގައި ކަމަށެވެ.
އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ދެ ދުވަހެއް ވަރު ބަލާލަން އަދި ބާއްވާފައި އޮތީ. ހާލު ސީރިއަސްއެއް ނޫން،" އެމްޑީ ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ވެހިކަލް ޑަމްޕްކުރާ ކޮންޓެއިނާ ތެރެއަށް ޑްރައިވަރު ވެއްޓުނީ ރޭމްޕުގެ މަތިންނެވެ. އޭނާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ ހާދިސާގައި ޑްރައިވަރުގެ މޭކަށިގަނޑު ތިން ތަނަކުން ބިނދިފައިވާ ކަމަށް ވެސް އެ ޕޯސްޓްގައި ބުންޏެވެ.