މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި ބަޔަކު މަގުމަތިން ހިނގާފައި އަދި ސައިކަލުގައި ދަނީ: މިހާރު ކުރިއަށް އޮތް މޫސުން ވެސް ލަފާ ކުރެވޭނެ
23 މާޗް 2021 - 12:10
ކުރިއަށް އޮތް މަހުގެ މޫސުން ނުވަތަ ދިގު މުއްދަތަކަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ މައުލޫމާތު އާންމުކުރަން ފެށުމުން ގިނަ ބަޔަކަށް އޭގެ ފައިދާ ލިބެމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
މީގެ ކުރިން މެޓުން ބަލަނީ ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުމެވެ. އެގޮތުން، ކުރިއަށް އޮތް ދެތިން ދުވަހު ވާރޭ ވެހޭނެކަން ނުވަތަ ފިނިހޫނުމިން ހުންނާނެ ވަރު އަންދާޒާ ކުރެ އެވެ. އެކަމަކު އާ ވަސީލަތްތަކާ އެކު މިހާރު، ކުރިއަށް އޮތް އެއް މަސް ނުވަތަ ތިން މަހުގެ މޫސުން ވެސް ލަފާކުރެވެ އެވެ.
މެޓުން އަންނަނީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން، ކުރިއަށް އޮތް މަސް ދުވަހުގެ މޫސުމާ ބެހޭ މައުލޫމާތު އާންމު ކުރަމުންނެވެ.
މެޓުގެ އެސިސްޓެންޓް މީޓިރިއޮލޮޖިސްޓް ހުސެން ވަހީދު ވިދާޅުވީ ކުރިއަށް އޮތް މަހުގެ މޫސުން ލަފާކުރަނީ، ހިސްޓޯރިކަލް ޑާޓާ ނުވަތަ މީގެ 25 އަހަރު ނުވަތަ 30 އަހަރުން ފެށިގެން މޫސުން އޮތް ގޮތަށް ބަލައިގެން ކަމަށެވެ. އެ ދުވަސްތަކުގައި ވާރޭ ވެހިފައި ހުރީ އާއްމު މިންވަރަށް ވުރެ ގިނައިން ކަމަށް ލަފާކުރެވޭ ނަމަ އެ ބަލަނީ "އެބޯވް ނޯމަލް"ގެ ގޮތުގަ އެވެ. އަދި އެއަށް ވުރެ މަދުން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ނަމަ އެއީ "ބިލޯ ނޯމަލް" އެވެ. އެއީ ވަރަށް ހޫނު ގަދަ ދުވަސްތަކެކެވެ.
ދިގު މުއްދަތުގެ މޫސުމުގައި މިހާރު ބަލަނީ ވާރެ އާއި ފިނިހޫނުމިން ހުންނާނެ ވަރެވެ.
ހުސެން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަހުގެ މޫސުން ލަފާކުރުމަކީ ދަނޑުވެރިންނާއި މަސްވެރިންނާއި އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ފައިދާ ކުރާނެ ކަމެކެވެ. އެއީ މޫސުމަށް ބަލައިގެން، ކުރިއާލާ މަސައްކަތަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ.
މެޓުން ބުނި ގޮތުގައި މިއީ ދުނިޔޭގެ އެހެން މޫސުމީ އިދާރާތަކުން ވެސް މޫސުން ލަފާކުރާ ގޮތެކެވެ. ރާއްޖޭގެ މޫސުން ލަފާކުރަނީ، މި ސަރަހައްދުގެ އެހެން މޫސުމީ އިދާރާތަކާ ވެސް ގުޅިގެެންނެވެ. ކުރިއަށް އޮތް ތިން މަހާއި ހަ މަހުގެ މޫސުން ވެސް އަންދާޒާ ކުރެވެ އެވެ. ނަމަވެސް ރާއްޖޭގައި އަދި މައުލޫމާތު ދެނީ ކުރިއަށް އޮތް މަހުގެ މޫސުމާ ގުޅޭ ގޮތުންނެވެ.
މެޓުގެ ވެބްސައިޓުން މުޅި ރާއްޖޭގެ މޫސުން، ކުރިއަށް އޮތް މަހަށް، މިހާރު ބަލައިލެވޭނެ އެވެ.
ހުސެން ވިދާޅުވީ ކުރިއަށް އޮތް މަހުގެ މޫސުން ލަފާކުރާނެ ގޮތް ލަފާކޮށް އާއްމުކުރާ ދުވަހު، އޭގެ އިދިކޮޅަށް ކަން ހިނގި ނަމަވެސް އެއީ އެ މަހުގައި މޫސުން އޮންނާނެ ގޮތް ނޫން ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުމެން މި ބުނަނީ ކުރިއަށް އޮތް މަހު ވަރަށް ހޫނު ގަދަވާނެއޭ. އެކަމަކު ހަމަ އެ ވަގުތު ކުއްލިއަކަށް ވަރަށް ވިިއްސާރަކޮށްފާނެ. އެކަމަކު އޭގެ މާނައެއް ނޫން މުޅި މަހު ވާރޭ ވެހޭނެއޭ. ނޫނީ އެ މަހުގެ ތެރޭގައި އެހެން ގިނައިން ވިއްސާރަ ކުރާނެއޭ،" އޭނާ ވިދާޅުވި އެވެ.
"މޫސުން އަންދާޒާ ކުރަނީ މުޅި މަހަށް ބަލައިގެން."
ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއަށް ބޮޑެތި ތަރައްގީތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން ކުރިން ދުވާލަކު އެއް ފަހަރު ލިބޭ މޫސުމާ ގުޅޭ މައުލޫމާތު، މިހާރު ކޮންމެ ދިހަ މިނިޓަކުން ހޯދެ އެވެ. ކުރިން މޫސުން ލަފާކުރަނީ، ރާއްޖޭގެ ފަސް ސަރަހައްދަކުން ނަމަވެސް، މިހާރު ގިނަ ރަށްރަށުގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިހާރު 37 ސްޓޭޝަން ހުރި އިރު އިތުރު ހަތް ރަށެއްގައި އެ ވަސީލަތް ބަހައްޓަން ވަނީ ނިންމައިފަ އެވެ.
މެޓުން ދެކޭ ގޮތުގައި މިއީ މިހާރު ލިބޭ މޫސުމީ މައުލޫމާތު އިތުރަށް މުއްސަނދިވާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލާޓް
24 March 2021
މިހާރަށްވުރެ ބޮޑަށް އެލާޓް ހަރުދަނާ ކުރަންވެއްޖެ. ބޮޑު ވިލާގަނޑެއް ނަގާ މުޅި ދުވަހު ވާރޭވެހޭނެހެން ހިވާއިރުވެސް ތިބެދާނެ. މުޅި މަގުތަކުގަ ފެންބޮޑުވެ، ފުރާނެ އޮޑިއެއް ފުރާފަހުން އެލާޓު ނެރޭއިރު އޮންނަނީ ވާނެ އެއްޗެއް ވެފަ.
ލޮލްްްފ
23 March 2021
ހަމަ ހިނި އަންނަނީ، މިއުޅެނީ 24 ގަޑިއިރަށް ވެސް ލަފާ ނުކުރެވިގެން މިމީހުނަށް
ހިއްނާ
23 March 2021
މިގޮތަށް ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާ، ކޯވިޑް ނިމޭނެ ދުވަހެއް ލަފާކުރަން ކެރޭނެ ބަޔަކުވެސް އަދު މިގައުމަށް ބޭނުން!
ސާދުނާ
23 March 2021
ކަލާކޮޢްޓަކޯ. ތިކަން ހުއްޓާލާ. ކޮންމެ ރެއަކު 8 ގެ ހަބަރަށްފަހު ކުރިއަށް އޮތް 5 ދުވަހަށް މޫސުން އެބަ ގެނެސްދޭ. ހޮނިހިރު ދުވަހުގެ ރޭގަނޑު މި ކިޔަނީ އާދީއްތަ، ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތީގެ މޫސުން. ދެން އާދީއްތަ ދުވަހުގެ ރޭ ކިޔާއިރު ކުރީ ރޭ ކީ އެއްޗަކާ ދިމާ އިދިކޮޅު.
1235
23 March 2021
1 ގަޑިއިރަށް ލަފާކުރަން ނޭންގޭބަޔަކު..