ހުޅަނގު މޫސުމުން ފެށުމާ އެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ދުވަސްވަރު ވިއްސާރަ ކުރަމުންދާއިރު މިއަދު ވެސް ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އަންނަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މި ހަފުތާގެ އެކި ދުވަސްތަކުގައި ކައިރި ކައިރީގައި ވަޓް އެލާޓްތައް ނެރެމުންނެވެ.
މިއަދުގެ މޫސުން
ރޭ މެންދަމު 3:30 އިން މިއަދު ހެނދުނު 9:30 ބ. އަތޮޅުން ފެށިގެން އައްޑު އަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދު މެންދުރު ފަހު 1:00 އާ ހަމައަށް ބޯކޮށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާކޮށް އިތުރު ވައިޓް އެލާޓެއް މެޓް އޮފީހުން ވަނީ ނެރެފަ އެވެ.
- ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ އާންމު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި
- އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި
- ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ
- ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދާވާނެ އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.