ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރަން ގޮވާލައި، 1،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވަކާލާތުކުރަން އުފައްދާފައިވާ "ހޭންޑްސް ޓުގެދާ" އިން ތައްޔާރުކުރި ޕެޓިޝަންގައި 1،050 މީހަކު ސޮއިކޮށްފައި ވެ އެވެ. އެ ޕެޓިޝަން ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމެވެ.

ޕެޓިޝަންގައި ބުނީ ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. ނަމަވެސް މަސްތުވާތަކެތީގެ ސަބަބުން މުޅި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެކަމަށް ހާއްސަ ގާނޫނަކާއެކު އެންޑީއޭ އުފެއްދިއަސް، އެ އެޖެންސީ އަށް ގާނޫނުގެ 27 ވަނަ މާއްދާ އިން ލާޒިމްކޮށްފައިވާ އަށް މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، މީގެ 24 ވަރަކަށް އަހަރު ކުރިން އެޖެންސީ ވުދޫޖަށް ގެންގުޅުނު ނިޒާމްތަކާއި ބޯދާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ،" ޑިސެމްބަރު 28، 2020 ގައި ސޮއިކުރަން އާއްމުންނަށް ހުޅުވައިލި ޕެޓިޝަނުގައި ބުނެފައި ވެ އެވެ.

"މިވީ 24 ވަރަކަށް އަހަރު ދުވަހުގެ މުއްދަތުގައި، ހާއްސަ ގޮތެއްގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުނުތާ މިވީ ނުވަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އެ ގާނޫނުގައި ވާ ގޮތަށް އަމަލު ކުރުމަށް އެންޑީއޭ ނާގާބިލް ވެފައި ވާތަނާއި ޒަމާނުއްސުރެ އެންޑީއޭގެ މަތީ ފަންގިފިލާގައި ތިއްބެވި ވެރިން ނާގާބިލްވެފައިވާ ތަނާއި ވަމުންދާ އިހުމާލުގެ ސަބަބުން ގައުމުގެ ޒުވާން ޖީލެއް ފަނާވެގެން ދިޔަތަނާއި މިހާރު އޮތް ޖީލު މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ޣަރަގު ވެގެންދާ ތަނާއި އަންނަން އޮތް ޖީލަށް ވެސް އޮތް އުއްމީދު ގެއްލިފައިވާ ތަނެވެ."

އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން "ހޭންޑްސް ޓުގެދާ" އިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަގުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. އޭގެ އިތުރުން އެންޑީއޭގެ އިހުމާލުތަކާ ބެހޭ ލިޔުންތަކާއި ރިޕޯޓުތައް ތައްޔާރުކޮށް ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) އާއި އެންޑީއޭ ބޯޑަށާއި ކަމާބެހޭ އިދާރާތައް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް އެންޑީއޭ ބަދަލުކޮށް އިސްލާހުކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާތީ ހިތާމަކުރާ ކަމަށް ހޭންޑްސް ޓުގެދާ ޖަމިއްޔާއިން ބުނެ އެވެ.

އެންޑީއޭއާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮތުމާއި އެ ތަނުން ދޭ "މުސްކުޅި" ފަރުވާ އެވެ. އެ އެޖެންސީ ހިންގާ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވީ މަސްތުވާތަކެތީގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ދޭ ފަރުވާ އަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށް އެ ބޯޑުން ގަބޫލުކުރައްވާ ކަމަށެވެ.