ފަގީރުންގެ ދަފްތަރުގައި ޖެހުމަށް އެދި އެ މިނިސްޓްރީ އަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން، ލިސްޓުގައި ނުހިމެނުނު މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ވަނީ މާލޭގައި ދިރިއުޅޭ މީހުން ފަގީރުންނާއި މިސްކީނުން ދަފްތަރުގައި ރަޖިސްޓަރީވުމަށް މިދިޔަ ފެބްރުއަރީ މަހުގެ 21 އިން މާޗު 21 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

އެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ ފޯމުތައް ބެލުމަށް ފަހު، އެ މީހުން ދަފްތަރުގައި ހިމަނާފައިވާކަން ނުވަތަ ނޫންކަން މިހާރު މިނިސްޓްރީން އަންނަނީ މެސެޖް މެދުވެރިކޮށް އަންގަމުންނެވެ. އެގޮތުން އެ ނިންމުމާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ، މާދަމާގެ މެންދުރު ދޭއް ޖެހުމުގެ ކުރިން މިނިސްޓްރީގެ މެއިލްއަށް ޝަކުވާ ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އެދެ އެވެ. އޭގެ ފަހުންް ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެ ކަމަށް ބުނެ އެވެ.

ޝަކުވާ ހުށަހަޅަން ޖެހެނީ [email protected] އަށެވެ.

ފަގީރުންގެ ދަފްތަރެއް އެންމެ ފަހުން އެކުލަވައިލީ 2019 ވަނަ އަހަރުގެ ރޯދަ މަހަށެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ފަގީރުންގެ ދަފްތަރެއް އެކުލަވާއި ނުލައި ފިތުރު ޒަކާތް ބެހުމުން އެތައް ބައެއްގެ ފާޑުކިޔުން ވެސް މިނިސްޓްރީ އަށް އަމާޒުވި އެވެ. އެހެންވެ، ފަހުން މިދިޔަ އަހަރުގެ ރޯދަ މަހަށް ފަހު މިނިސްޓްރީން ދަފްތަރު މުރާޖައާކޮށް، މުދަލު ޒަކާތް ވަނީ ބަހައިފަ އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ އަށް ހުޅުވައިލިއިރު އެންމެ ފަހުގެ ދަފްތަރުގައި 10،944 މީހަކު ޖެހިފައިވެ އެވެ.