ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުވެއިތަށް ފުރާ ވަޑައިގެންފި އެވެ.
މި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި ކެބިނެޓް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ނާސިިރު އަލް-މުހައްމަދު އަލް-އަހްމަދު އަލް-ޖާބިރު އަލް-ސަބާހް އަށް ބައްދަލުކުރައްވާނެ އެވެ. އެ ގައުމުގެ އެހެން އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުންތަކުގައި ދެ ގައުމު ގުޅިގެން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ދެ ގައުމު ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ހުރި އެކި ކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ކުވެއިތަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށް ޓްވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވި އެވެ.
"މި ދަތުރާ ގުޅިގެން ކުވައިތާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މިއީ ދެ ތިން ދުވަހުގެ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް ބައިވެރިވަޑައިގަތެވެ.