އަމިއްލަ ހަރަދުގައި އިންޑިއާގެ ޕަޓްނާ އާއި ލަކްނޫގައި 1،000 އެނދުގެ ދެ ހޮސްޕިޓަލް ހަދަން ނިންމާފައިވާ ކަމަށް އެކްޓަރު ގުރްމީތު ޗައުދަރީ ބުނެފި އެވެ.
އޭނާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އާންމު ރައްޔިތުންނަށް ހިދުމަތްދޭން ހާއްސަކޮށްގެން ހަދާ އެންމެ ޒަމާނީ ހޮސްޕިޓަލްތަކާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. މިކަމަކީ ކޮވިޑް-19އާ ދެކޮޅަށް އިންޑިއާ ކުރާ މަސައްކަތަށް އެހީ ވުމުގެ ގޮތުން ވެސް ކުރާ ކަމެކެވެ.
"މިކަމުގައި އެންމެންގެ ހެޔޮ ދުއާ އާއި އެހީ ބޭނުންވާނެ،" ގުރްމީތު ބުންޏެވެ.
ޓީވީ ސިލްސިލާތައް ކުޅެގެން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ގުރްމީތު، 37، އަކީ އޭނާ ހޮސްޕިޓަލް އަޅަން ނިންމި ޕަޓްނާ ހިމެނޭ ބިހާރު ސްޓޭޓަށް އުފަން އެކްޓަރެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޚާމޯޝިޔާ" އާއި "ވަޖާ ތުމް ހޯ" އާއި "ޕަލްޓާން" އަދި "ލާލީ ކީ ޝާދީ މޭ ލައްޑޫ ދީވާނާ" ހިމެނެ އެވެ. ގުރްމީތުގެ ކުރިއޮތް ފިލްމަކީ ޒީ5 ގެ ތުރިލާ "ދަ ވައިފް" އެވެ.
އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޕުނާރް ވިވާ" އާއި "ގީތު: ހުއި ސަބްސީ ޕިޔާރީ" އަދި "ރާމަޔަން" ހިމެނެ އެވެ.
ގުރްމީތުގެ އަންހެނުން ޑެބީނާ ބޮނަޖީ އަކީ ޓީވީ ބަތަލާއެކެވެ.