ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ވ. އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކާލީ އެވެ.

ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގާ ވ. ތިނަދޫ ކައިރީގައި އޮންނަ ކުޑަކުޑަ މި ރަށުން ލިބުނު ފައިސާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމް ވެސް އައިސްފައި ވަނީ ރިސޯޓް ހަދަން ވިއްކި ރަށަކުން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރިން ހިންގިކަން ސާބިތުވެގެންނެވެ.

މި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމް ތަންފީޒުކުރަމުން ގެންދާ ޔާމީން ރޭގެ ވަގުތެއްގައި ވަނީ ގެޔަށް ބަދަލުކޮށްފަ އެވެ. އާ މައްސަލަ ޕީޖީ އަށް ފޮނުވީ ޖަލުގައި ކޮވިޑް ފެތުރޭތީ ވަގުތީ ގޮތުން ޔާމީން ރޭ ގެޔަށް ބަދަލުކުރުމުގެ ކުރުގެ ދެތިން ދުވަސް ކުރިންނެވެ.

ފުލުހުން ފަހުން ފޮނުވި މި މައްސަލާގައި ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިހާރުވެސް ކްރިމިނަލް ކޯޓުގައި ޔާމީނާ ދެކޮޅަށް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ދައުވާތަކެއް މިދިޔަ ޖޫން މަހުން ފެށިގެން ކުރިއަށް ދެ އެވެ. އެއީ އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި ކުރަނީ މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެކެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ޔާމީން ޖަލަށްލައި ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ހުކުމް ދެމެހެއްޓުމަށް މިހާރު ވަނީ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ ކޯޓުން އަދި މައްސަލައިގެ ޝަރީއަތެއް ނުފަށަ އެވެ.