ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ މަނިކުފާނަށް އަނިޔާއްވެއްޖެ އެވެ.
ހަމަލާ ދީފައި ވަނީ ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ، ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ އެވެ. ހަމަލާގައި އެސްޕީޖީގެ މީހަކާއި ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މިހާތަނަށް އެނގިފައިވެ އެވެ. މީގެ އިރުކޮޅެއް ކުރިން ދިން ހަމަލާއަށް ފަހު ނަޝީދު މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ މަޖީދީ މަގުގައި، ކުރީގެ އެމިޓީ ފިހާރަ ކައިރިންނެވެ. އެ ހިސާބުގައި އެ ވަގުތު ތިބި ބައެއް މީހުން ބުނި ގޮތުގައި ގޮވުމުގެ އަޑު ވަރަށް ބާރަށް އިވުނެވެ. އަދި އެ ގޮވުމާ އެކު ބައެއް ތަންތަން ހަލާކުވެފައި ވާއިރު ބިންމަތީ ލޭ ވެސް ހުއްޓެވެ.
ފުލުހުން މިހާރު ވަނީ މުޅި ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ.