ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގެ ބިމުގައި ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ މިއަދު ހަވާލުކުރީ، އެ ބިމުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބިޑް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފައިވަނިކޮށް ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.
ފަރީދިއްޔާ ސްކޫލުގެ ބިން ކޮލިޓޭޓާ ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ބާއްވައިފަ އެވެ.
ކުރިން އެ ބިމުގައި ހިންގި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަށް ދީފައިވާ މުއްދަތު ހަމަވުމުން އެ ސްކޫލު އަލުން ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރުމާ އެކު، ޖެހުނު މައްސަލަތަކެއްގެ ތެރޭގައި މި މައްސަލަ އޭސީސީން ބެލުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފައިވާ ލަފާގައި މައިގަނޑު ނުވަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
އޭސީސީން ބުނި ގޮތުގައި ބިޑަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރޭން އެންމެ ގާބިލް ފަރާތް ހޮވުމަށް، މާކްސް ދިނުމަށް އާރްއެފްޕީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަަށް މާކްސް ދޭނެ ގޮތުގެ ތަފްސީލު ކަނޑައަޅާފައިވާ ބައިތަކުގެ ބްރޭކްޑައުން ހަދައި، އެ ބައިތަކަށް މާކްސް ދޭނެ މިންވަރު ބިޑު ހުޅުވާލި މަރުހަލާގައި އާއްމުކޮށްފައެއް ނުވެ އެވެ. އަދި ބިޑާ ގުޅޭ މައުލޫމާތު ދިނުމަށް 25 ސެޕްޓެމްބަރުގައި ބޭއްވި ޕްރީ ސެޝަންގައި ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ބިޑު އިވެލުއޭޝަން މަރުހަލާގައި، މިނިސްޓްރީން މާކްސް ދޭނެ މިންގަނޑުތަކެއް ފަހުން އެކުލަވާލައި ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ބުނެފައި ވެ އެވެ.
އަދި ސްކޫލު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭނުން ކުރި އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަކީ ސަޕޯޓިން ޑޮކިއުމަންޓަށް ބިނާކުރުމެއް ނެތި، ހަމައެކަނި ބިޑު ޑޮކިއުމަންޓެއްގައި ލިޔާ ލިޔުމެއްގެ މައްޗަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ސަބްޖެކްޓިވް މިންގަނޑުތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭގެ އިތުރުން މުޅި އިވެލުއޭޝަންގެ ޖުމްލަ މާކްސް 80 ޕަސެންޓް ދިނުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އިވެލުއޭޝަަނަށް ކަމަށްވެފައި، އެ އިވެލުއޭޝަނަށް މާކްސް ދިނުމުގައި ބަލާފައިވަނީ ހަމައެކަނި ބިޑުގައި ބަޔާންކޮށްފައިވާ ތަސައްވުރުގެ މައްޗަށް ކަމަށްވާއިރު ސްކޫލު ހިންގުމުގެ ފަންނީ ގާބިލްކަން ވަޒަން ކުރާނެ މިންގަނޑުތައް އެކުލަވާލުމެއް ނެތި އެބަޔަށް ސަބްޖެކްޓިވް މިންގަނޑަކުން މާކްސް ދީފާ ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ހުޅުމާލޭގައި ސްކޫލެއް ހިންގުމަށް ހަވާލުކޮށްފައިވަނީ 25 އަހަރަށް ކަމަށްވާއިރު މިއީ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްގެ ތައުލީމީ ނިޒާމާ ގުޅިފައިވާ ކަމަކަށް ވާއިރު، ބިޑު ހުށަހެޅި ފަރާތުގެ ގާބިލްކަމާއި ސްކޫލު ހިންގުމުގެ ދާއިރާގެ ތަޖުރިބާއަކީ ވަރަށް މުހިއްމު ކަމެއް ކަމާއި އެކަމަކު އެކަމަށް މާކްސް ދޭނެ އުސޫލެއް ބިޑު ކުރުމުގެ މަރުހަލާގައި ކަނޑައަޅާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެ އެވެ.
މީގެ އިތުރުން ވެސް ކޮރަޕްޝަނަށް މަގުފަހިވާނެ ގިނަ ކަންތައްތަކެއް އޭސީސީން ވަނީ ފާހަގަ ކޮށްފަ އެވެ
އޭސީސީން ބުނީ އެގޮތަށް އަމަލުތައް ހުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނޭ ކަމެއް ކަމަށާއި އެހާ ދިގު މުއްދަތަކަށް ސްކޫލެއް ދޭން ޖެހޭނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭ، ދެ ފެށުށް ފެންނަ ޕްރޮސެސްއެއްގެ ތެރޭން ކަމަށެވެ. އެހެންވެ، ބީލަން ހުށަހެޅުމުގެ ދައުވަތު ބާތިލްކޮށް، އެކަންތައްތަކަށް އަލުން ރިއާޔަތްކޮށް ބިޑު އަލުން ހުޅުވާލުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ އަބްދުލް މުހުސިން ވިދާޅުވީ ހުޅުމާލޭ ސްކޫލުގެ ހިންގުުން ކޮލިޓޭޓާ ހަވާލުކުރީ އޭސީސީން އެ މައްސަލަ ބަލައި، ދީފައިވާ ލަފަޔާ ގުޅިގެން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށެވެ.
އެކަމަކު އޭސީސީން އެޑިއުކޭޝަނަށް ދިން ލަފައަކީ ކޮބައި ކަމެއް މުހުސިން ވިދާޅެއް ނުވި އެވެ.
ލާލޭ ހިންގަމުން އައި ފަރީދިއްޔާ ސްކޫލުގެ ބިޑު ކޮލިޓޭޓުން ކާމިޔާބު ކުރުމާ ހަމައިން ގިނަ މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހެޅި ބިޒް އެޓޯލްއަށް ސްކޫލު ނުލިބި، ދެވަނަ އަށް ކުޑަފީއެއް ހުށަހެޅި ކޮލިޓޭޓަށް ބިޑު ކާމިޔާބުވުމާއި ކޮލިޓޭޓްގެ ހިއްސާދާރުންގެ ތެރޭގައި ބޭރު މީހުންނާ އެކު ވިޔަފާރިކުރުން ގާނޫނުގައި މަނާކޮށްފައިވާ ހައި ކޯޓުގެ ފަނޑިޔާރުންގެ އަނބިން ހިމެނުމާއި ބިޑަށް ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއް ކުރިން އެ ކުންފުނި އުފައްދާފައި ވުމުން އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވަނީ ޝައްކު ކުރެވިފަ އެވެ.
ސްކޫލު ހިންގާނެ ގޮތާ މެދު މި ބައްދަލުވުމުގައި ކޮލިޓޭޓުން މާ ބޮޑު މައުލޫމާތެއް ނުދެ އެވެ. އެކަމަކު އެ ސްކޫލުގެ ހިންގާނީ ސްރީ ލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ކަމަށާއި ސްކޫލާ ބެހޭ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.