ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ބަންދުން ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފު ކޮށްދިނުމަށް ފުލުހުން މިއަދު އެދެފި އެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ ފަސް މީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އެ މީހުން ދޫކޮށްލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މީހުން ދޫކޮށްލީ، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފަސް މީހުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މިހާރު އެދިފައި ވާނެ ކަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މި ފަހުން އައްޑޫގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. އެ ހަމަލާގެ ތަހުގީގާ އެކު ފުލުހުން އަންނަނީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ހޯދުމުގެ އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.
އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހަކު 15 ދުވަހަށް އަދި އަނެއް ހަތަރު މީހުން ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ފުރަތަމަ އަމުރުކުރި އެވެ.
ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ފުލުހުން ބުނެފައިވާ ގޮތުގައި ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.