މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިސްބާހު މުހައްމަދަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރި ބަޔަކު، އެ މީހުންގެ ޑްރަގް ޝިޕްމަންޓުގެ އަގު އަދާކުރާނެ ކަމުގެ ޔަގީންކަމުގެ ގޮތުގައި، ރާއްޖޭން ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށަށް ފޮނުވާލާފައިވާ މީހެއް ކަމަށް ބެލެވޭ މައުލޫމާތުތަކެއް "މިހާރު" އަށް ލިބިއްޖެ އެވެ.
އުމުރުން 25 އަހަރުގެ މިސްބާހް އުޅެމުން ދިޔައީ އޭނާގެ އުފަން ރަށް ހދ. ނޮޅިވަރަންފަރުގައި ކަމަށް ވިޔަސް އޭނާގެ ހަބަރެއް ނުވެގެން ޕޮލިހަށް ރިޕޯޓްކުރީ އޭނާ މާލެ އައި ފަހުން ވީނުވީއެއް ނޭނގުމުން ކަމަށް އޭނާ ހޯދަން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ. މިސްބާހު ގެއްލިގެން ޕޮލިހަށް ރިޕޯޓްކުރީ މިދިޔަ އޭޕްރީލް މަހުގައި ކަމަށް ވިޔަސް އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރާއްޖޭން ދުބާއީ އަށް ގޮސްފައިކަން ފުލުހުން ފަހުން ވަނީ އިމިގްރޭޝަނާ ހަވާލާދީ ބުނެފަ އެވެ.
މަސްތުވާތަކެތީގެ އެކި މައްސަލަަތަކުގެ ރެކޯޑް އޮންނަ މިސްބާހް މާލެ އައިސް އުޅުނީ މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި ގްރޫޕްގެ މީހުންނާ އެކީގައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އިތުބާރު ހުރި ގޮތަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިސްބާހް ރާއްޖޭން ފުރާފައިވާ ކަމަށް ބުނާ ތާރީހާ އޭނާ ޑްރަގް ނެޓްވޯކްގެ މީހުންނާ އެކު އުޅުނު ދުވަސްވަރާ ދިމާވެ އެވެ. އަދި އެ ނެޓްވޯކްގެ މީހަކު ޑްރަގްސް އެތެރެކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ދުބާއީ އަށް ދިޔައިރު އޭނާއާ އެކު މިސްބާހު ވެސް ދިޔަ ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ފަހުން މިސްބާހު ރާއްޖެ އަށް އައި ކަމެއް އެނގޭކަށް ނެތެވެ.
ދުބާއީ އަށް ކުރި މި ދަތުރުގެ ދެތިން ހަފުތާ ފަހުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި މިސްބާހާ އެކު ދުބާއީ އަށް ދިޔަ މީހާ ހިމެނެ އެވެ. އޭނާ އަދި ވެސް ހުރީ ބަންދުގައި ކަމަށް ވެސް ރެކޯޑްތަކުން ދައްކަ އެވެ.
މިސްބާހް ދުބާއީ އަށް ގޮސް އޭގެ ފަހުން ޕާކިސްތާނަށް ދިޔަކަން ވެސް ވަނީ އެނގިފަ އެވެ. ގެއްލިފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ ޕާކިސްތާނުގައި "ހާލުގައިޖެހިގެން" ކަމަށް ބުނެ، ރާއްޖޭގައި ތިބި އޭނާއާ ގުޅުން ހުރި ބައެއް މީހުންނަށް ގުޅުމުން ކަމަށް ވެސް އެނގިފައިވެ އެވެ.
މި ކަންކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.
ކަން ހިނގާފައިވާ ކަމަށް ލިބުނު މައުލޫމާތާއި، ޑްރަގް ނެޓްވޯކްތަކުގެ އަމަލުތައް ހުންނަ ގޮތަށް ބަލާއިރު ބުރަވެވެނީ މިސްބާހަކީ ފޮނުވި ޑްރަގްސްއާ ޖާމިނުކުރުވި މީހާ ކަމަށެވެ. ފޮނުވި ޑްރަގްސް ފުލުހުން އަތުލައިގަތުމުން އަގު އަދާކުރެވޭނެ ގޮތެއް ނުވެއްޖެ ނަމަ ޖާމިނުކުރުވި މީހާ ބޭރުގެ ޑްރަގް ނެޓްވޯކްގެ ބެލުމުގެ ދަށުގައި ހައްޔަރުވާނެ އެވެ.
މަސްތުވާތަކެތި ފޮނުވުމުގެ ކުރިން، އެ ހުރިހާ އެއްޗެއްގެ އަގު އެއްފަހަރާ އަދާކުރުމުގެ ބަދަލުގައި ކުޑަ ފައިސާކޮޅެއް އެޑްވާންސަށް ދިނުމަށް ފަހު، ޝިޕްމަންޓުގެ ޖުމްލަ ފައިސާ އެ ތަކެތި ވިއްކާފައި އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެ ތަކެތި ފޮނުވާ މީހުންގެ ބާރުގެ ދަށުގައި ބަހައްޓަން މީހަކު ފޮނުވުން އާންމުވަމުން އަންނަކަން ފުލުހުން ކުރިން ހާމަކޮށްފައިވެ އެވެ. ފައިސާ އަދާނުކުރެވިއްޖެ ނަމަ، އެގޮތަށް ރަހީނުކޮށްފައި ތިބޭ މީހުން ބޭނުންކޮށްގެން އެހެން ގައުމުތަކަށް މަސްތުވާތަކެތި ސްމަގުލްކޮށްގެންނާއި އެ މީހުންގެ ގުނަވަންތައް ވިއްކައިގެން އަގު ހޯދާ ކަމަށްވެ އެވެ.
މިދިޔަ އަހަރު ފަހުކޮޅު އަތުލައިގަތް މަސްތުވާތަކެއްޗާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މަސްތުވާތަކެތީގެ އަގު އަދާކުރާނެ ކަމުގެ ޔަގީންކަމުގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާފައިވާ ދިވެއްސަކަށް އަނިޔާކުރުމަށް ފަހު ފޮނުވާފައި ހުރި ފޮޓޯތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކާކުގެ ފޮޓޯތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ރާއްޖެ އަށް އެތެރެކުރާ ޑްރަގާ ޖާމިނުކޮށް ޕާކިސްތާނާއި އީރާން ފަދަ ގައުމުތަކަށް ދިވެހިން ފޮނުވާ ކަމަށް ވަނީ އެނގިފަ އެވެ. މިގޮތަށް ފޮނުވާ ބައެއް މީހުން އެނބުރި ރާއްޖެ އައިސްފައި ވިޔަސް ހަބަރެއް ނުވާ މީހުން އަދިވެސް އެބަ އުޅޭ ކަމަށްވެ އެވެ.