އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ގޮޅިއެއްގައި ބަންދުގައި ހުރި މީހަކު އެ ތަނުން ރޭ ފިލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، އެ ރަށުގެ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަައަކާ ގުޅިގެން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އުމުރުން 25 އަހަރުގެ އެ ފިރިހެންމީހާ ފިލީ އެ ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ތަނެއް ފަޅާލި ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހައަކީ ދޮގެއް ކަމަށާއި އޭނާ ފިލިއިރު އެ ތަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަކަން ނޫނީ ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސް ކުރަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.