ސޯޝަލް މީޑިއާގައި މިހާރު ނުފޫޒު ގަދަ ހުޅަނގުގެ ފިކުރުގެ ބާރު ކަނޑުވާލައި، އެ ޕްލެޓްފޯމުތަކުގައި ޗައިނާގެ ވިސްނުމާއި ސިޔާސަތުތައް ފުޅާކުރުމަށްޓަކައި އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީން ޓުވިޓާގައި ފޭކް އެކައުންޓްތަކުގެ "ފައުޖެއް" އުފައްދާފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކުގެ އަޑު ގަދަވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި މި ކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޗައިނާ އިން އިނގިރޭސި ވިލާތަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ލިއު ޒިއޯމިންގް އެވެ. އޭނާ ސަފީރުކަމުން އިސްތިއުފާ ދެއްވީ ވަރަށް ފަހުންނެވެ.

ލިއު ޓުވިޓާ ބޭނުންކުރަން ފެއްޓެވީ އޮކްޓޯބަރު 2019 ގަ އެވެ. އެއީ ޗައިނާގެ ޑިޕްލޮމެޓުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ގިނައިން ބޭނުންކުރަން ފެއްޓެވި ވެސް ހިސާބެވެ. ކުރިން މިސްރުގެ ސަފީރުކަން ވެސް ކުރެއްވި ލިއު އަށް ފޮލޯކުރާ ލައްކައަކަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ކޮރިއަން ޕެނިންސިއުލާގެ މައްސަލަތަކުގައި ޗައިނާގެ ސަރުކާރު ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މި އަޑުތައް ގަދަވެފައިވާއިރު، ޓުވިޓާ އާއި ފޭސްބުކް އަކީ ޗައިނާ ސަރުކާރުން އެ ގައުމުގައި ބްލޮކް ކޮށްފައި އޮންނަ ދެ ޕްލެޓްފޯމެވެ.

ޓުވިޓާ ބޭނުންކުރަން ފެއްޓެވި ފަހުން ލިއު އަންނަނީ ޗައިނާ އިން ގެންގުޅޭ "ވުލްފް ވޮރިއާ" ޑިޕްލޮމަސީގެ ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ކަމަށް ވެސް ބުނެ އެވެ. މި "ވުލްފް ވޮރިއާ" ޑިޕްލޮމަސީ އަކީ ސޯޝަލް މީޑިއާ އާއި އިންޓަވިއުތަކުގެ ޗައިނާއާ ދެކޮޅު ދައްކާ ވާހަކަތަކަށް ރައްދުދިނުމަށާއި އެ އަޑުތައް ކަނޑުވާލުމަށް ޗައިނާގެ ޑިިޕްލޮމެޓުން ބޭނުންކުރާ ޚާއްސަ އުކުޅެކެވެ.

2016 ވަނަ އަހަރު ލަންޑަންގެ ވިކްޓޯރިއާ އެންޑް އެލްބާޓް މިއުޒިއަމްގައި ބޭއްވި ޓަސްކް ކޮންސަވޭޝަން އެވޯޑްސްގައި ޗައިނާ އިން އިނގެރޭސިވިލާތަށް ކުރިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ލިއު ޒިއާމޯމިންގް (ވ)، އިނގެރޭސި ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ވިލިއަމްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: އޭޕީ
2016 ވަނަ އަހަރު ލަންޑަންގެ ވިކްޓޯރިއާ އެންޑް އެލްބާޓް މިއުޒިއަމްގައި ބޭއްވި ޓަސްކް ކޮންސަވޭޝަން އެވޯޑްސްގައި ޗައިނާ އިން އިނގެރޭސިވިލާތަށް ކުރިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ލިއު ޒިއާމޯމިންގް (ވ)، އިނގެރޭސި ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ވިލިއަމްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: އޭޕީ

މިކަން އެނގުނީ ހަތް މަސް ދުވަހުގެ ތަހުގީގަކަށް ފަހު

ޗައިނާއާ ދެކޮޅަށް ބައެއް މީހުން ދައްކައިފައި ހުންނަ ވާހަކަތަކަށް ރައްދު ދެއްވައި ލިއު ކުރައްވާ ބައެއް ޓުވީޓުތައް ވަރަށް ގިނަ މީހުން ރިޓުވީޓްކޮށްފައި ހުރެ އެވެ.

އެމެރިކާގެ ނިއުސް އެޖެންސީއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ އޮކްސްފޯޑް އިންޓަނެޓް އިންސްޓިޓޫޓް އިން ކުރި ހަތް މަހުގެ ތަހުގީގަކުން ހާމަވީ، ޓުވިޓާގައި ޗައިނާގެ ބާރުގަދަވަމުން ދަނީ ފޭކް އެކައުންޓްތަކުގެ "ފައުޖެއް" އުފައްދައި، އެ ގައުމުގެ ޑިޕްލޮމެޓުންނާއި ދައުލަތުގެ މީޑިއާގެ ޓުވީޓްތައް މި ފޭކް އެކައުންޓްތައް މެދުވެރިކޮށް ރިޓުވީޓްކުރަމުން ދާތީ ކަމަށެވެ.

މިއީ ޗައިނާގެ ޕްރޮޕެގެންޑާ ފެތުރުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، މިިއީ ޗައިނާގެ ސަރުކާރުން ފަންޑުކޮށްގެން ކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި މި މަސައްކަތުގެ ދަށުން މިލިއަނަކަށް ވުރެ ގިނަ މީހުންނާ ހަމައަށް ޕްރޮޕެގެންޑާ ފެތުރުމަށް އަމާޒު ހިފައިފާވާ ކަމަށް ވެސް ވެ އެވެ. ނަމަވެސް މިއީ ސީދާ ޗައިނާގެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ކަމެއް ކަން ސާބިތުކޮށްދެވިފައެއް ނުވެ އެވެ.

މިފަދަ ތަހުގީގެއް ކުރަން ފަސޭހަވީ، އެހެން ޕްލެޓްފޯމްތަކާ ޚިލާފަށް ޓުވިޓާ އިން ރިސާޗަރުންނަށް ފަސޭހައިން ޑާޓާ ހޯދޭނެ އިންތިޒާމު ހަމަޖައްސައިދީފައި އޮންނާތީ އެވެ.

ތަހުގީގުން ހާމަވި އިތުރު ބައެއް ކަންކަން

- މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީއާ ހަމަ އަށް ލިއު ކޮށްފައިވާ ޓުވީޓްތައް ރިޓުވީޓްކޮށްފައިވާ މީހުންގެ ދެބައިކުޅަ އެއް ބަޔަަށް ވުރެ ގިނައީ ފޭކް އެކައުންޓްތައް.

- ފޭކް އެކައުންޓްތަކުގެ ތެރެއިން ގިނަ އެކައުންޓްތައް ވަނީ ޓުވިޓާގެ އާއްމު އުސޫލުތަކާ ޚިލާފުވެގެން ހުއްޓުވައިފައި.

- ޓުވިޓާގައި އުޅޭ ޗައިނާގެ 189 ޑިޕްލޮމެޓެއްގެ ޓުވީޓްތައް ރިޓުވީޓް ކުރި ކޮންމެ 10 އެކައުންޓެއްގެ ތެރެއިން އެއް އެކައުންޓަކީ މި އަހަރުގެ މާޗު މަހާ ހަމަ އަށް ޓުވިޓާ އިން ސަސްޕެންޑުކޮށްފައިވާ އެކައުންޓްތައް.

- ފޭކް އެކައުންޓްތައް ސަސްޕެންޑް ކުރުމުން އިތުރު އެކައުންޓްތައް އަލުން އުފައްދާ މި މަސައްކަތް ފުޅާކޮށްފައިވޭ.

- ގިނަ ފޭކް އެކައުންޓްތައް ހަދައިފައި ވަނީ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ނަމުގައި.

- ޗައިނާ ސަރުކާރު ޕްރޮމޯޓްވާ ޓުވީޓްތައް އާންމު ގޮތެއްގައި 16،000 ވުރެ ގިނަ ފޭކް އެކައުންޓުން ރިޓުވީޓްކޮށްފައި ހުރޭ.

މީގެ ކުރިން ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުން ވެސް ވަނީ ޗައިނާގެ ޕްރޮޕެގެންޑާ ފަތުރާ ކަމަށް ތުހުމަތުވާ އެކައުންޓްތަކެއްގެ މަސައްކަތް ފެންމަތިކޮށްފަ އެވެ. އެކަމަކު އޭޕީ އާއި އޮކްސްފޯޑް އިންޓަނެޓް އިންސްޓިޓޫޓް ބުނީ މިހާ ފުޅާދާއިރާއެއްގައި މިކަން ކޮށްފައި ވަނީ މިފަހަރު ކަމަށެވެ.

ޓުވިޓާއާ ހަވާލާދީ ބުނެފައި ވަނީ މި ކަހަލަ ފޭކް 26،879 އެކައުންޓް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ އެކައުންޓްތައް ސަސްޕެންޑްކުރުމުގެ ކުރިން ޗައިނާގެ ޑިޕްލޮމެޓުންނާއި ދައުލަތުގެ މީޑިއާގެ ޓުވީޓްތައް 200،000 ވުރެ ގިނަ ފަހަރު ރިޓުވީޓް ކޮށްފައިވާ ކަމަށެވެ.