ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު މިއަދު ހޮވައިފި އެވެ. އޭނާ ގޮނޑި ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒާ ވާދަކުރައްވަ އެވެ.

އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލާއި ސިޓީތަކުގެ ފަރާތުން އެލްޖީއޭގައި ތަމްސީލުކުރާނެ މެމްބަރުން ހޮވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހެނދުނު 10:00-11:00 ވަންދެން ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.

އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތަށް ފަހު ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ފޯމު ހުށަހަޅުއްވާފައި ވާތީ، އަތޮޅު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގައި ތަމްސީލުކުރުމަށް ކ. އަތޮޅު ކައުންސިލްގެ ޕީޕީއެމްގެ ރައީސް މުހައްމަދު ނިމާލު ވަނީ އޮޓޮމެޓިކް ހޮވިފަ އެވެ.

ސިޓީ ކައުންސިލަރުންގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރު އިސްމާއިލަށް 24 ވޯޓު އަދި މާލޭގެ ޕީޕީއެމްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް 21 ވޯޓު ލިބިވަޑައިގަތެވެ. ރަށު ކައުންސިލްތަކުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރަށު ކައުންސިލްތަކުން އެލްޖީއޭގެ ބޯޑުގައި ވާދަކުރެއްވުމަށް ހަތް ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. އެއީ ޕީޕީއެމާއި އަމިއްލަގޮތުން އެއް ކެންޑިޑޭޓާއި އެމްޑީޕީގެ ފަސް ކެންޑިޑޭޓުންނެވެ. އެމްޑީޕީން ވާދަކުރެއްވި މެމްބަރަކު ވަނީ ނަން ނަގަން ހުށަހަޅުއްވައިފަ އެވެ. އެކަމަކު އޭރު ވޯޓު ކަރުދާސް ވަނީ ޕްރިންޓުކޮށްފަ އެވެ.

އެލްޖީއޭގެ ބޯޑުގައި ނުވަ މެމްބަރުން ތިއްބަވާނެ އެވެ. އެއީ، ރައީސް އައްޔަންކުރައްވާ ވަޒީރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މަދަނީ ޖަމިއްޔާތަކުން މެންބަރަކާއި ރަށާއި އަތޮޅާއި ސިޓީ ކައުންސިލްތަކުން މެމްބަރަކާއި ފިނޭންސް މިނިސްޓްރީގެ މެމްބަރެއް އަދި ރައީސް އައްޔަންކުރައްވާ އެލްޖީއޭގެ ސީއީއޯ އެވެ.