ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕުގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ވަނީ މިދިޔަ ފެބްރުއަރީ މަހު ކޯޓުގެ ހުއްދައާ އެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އޭނާ އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވިޔަސް، ބޭސްފަރުވާ އަދިވެސް ނުނިމޭތީ އޭނާ މިހާރު އެދިވަޑައިގެންފައިވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދިނެވެ. މިއީ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށްފަހު އެވެ. އެކަމަކު ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އޭނާ ވަޑައިނުގަތުމުން އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އޮތީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
އަލީ ވަހީދު ފުރަން ހުއްދަ ދިން މައްސަލަ ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކުރި އެވެ. އެކަމަކު އަލީ ވަހީދު އުޅުއްވާ ތަނެއް ނޭނގޭތީ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.