ކޮލަމްބޯ (ޖޫން 19) - ސްރީ ލަންކާގެ ބައެއް ހިސާބުތަކަށް މަރުވެފައިވާ ބޮޑު މަހާއި ވެލާ ލައްގަން ފަށައިފި އެވެ.
އޮފިޝަލުން ބުނެފައި ވަނީ ބޮޑު މަހާއި ވެލާ މަރުވަން ދިމާވި ސަބަބަކީ ލަންކާގެ ބޭރުގައި އޮއްވާ ބޯޓެއްގައި އަލިފާން ރޯވެ ކަނޑަށް ތެޔޮ ބޭރުވުމުގެ ސަބަބުންނެވެ. އެ ބޯޓުން ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ވެސް ކަނޑަށް ބޭރުވެފަ އެވެ.
ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ބޯޓުގައި ރޯވި އިރު ގިނަ އަދަދެއްގެ ކެމިކަލް އެ ބޯޓުގައި ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑް ވެސް ހިމެނެ އެވެ. ޖޫން 2 ވަނަ ދުވަހުން ފެށިގެން ކޮލަމްބޯގެ ބޭރަށް އެ ބޯޓު ދިޔައީ ފެތެމުންނެވެ.
މަރުވެފައިވާ ވެލައެއް ލައްވެފައި ވަނީ ކޮލަމްބޯގެ ދެކުނުން 80 ކިލޯ މީޓަރު (50 މޭލު) ދުރުގައި އޮންނަ ޓޫރިސްޓް ރިސޯޓް އޭރިއާއެއް ކަމަށްވާ ބެންޓާރާ އަށެވެ. އިންދުރުވާ ބީޗަށް ވެސް ވަނީ ވެލައެއް ލައްގައިފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ ދެކުނުގެ ގޮނޑޮދޮށްތަކަށް 15 އަށް ވުރެ ގިނަ ވެލާ ލައްގާފައިވާ ކަމަށެވެ. ޖަފްނާ ސަރަހައްދަށް ވެސް ވަނީ މަރުވެފައިވާ ބޮޑު މަހެއް ލައްގައިފަ އެވެ.
"މަރުވެގެން ލައްގާ އެއްޗެއްސާއި ބޯޓާ ސީދާ ގުޅުން ހުރިކަން އެނގޭ،" ވައިލްޑްލައިފް އޮފިޝަލަކު ވިދާޅުވި އެވެ.
ލަންކާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މެއި 20 ވަނަ ދުވަހު ބޯޓުގައި ރޯވި ފަހުން އެކި ހިސާބުތަކަށް މަރުވެފައިވާ 50 އަށް ވުރެ ގިނަ ވެލަ އާއި އަށް ކޯމަސް ލައްގާފައިވެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އެހެން ބާވަތްތަކުގެ މަސް ވެސް ދަނީ ލައްގަމުންނެވެ.
ލަންކާ ސަރުކާރުން ދަނީ ބޯޓުން ބޭރުވި ކެމިކަލުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 40 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.