ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ރޭ އަވަހާރަވެއްޖެ އެވެ.
ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ދުބާއީގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށެވެ.
ޅ. ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ހިމެނޭއިރު އަނެއް ތިން ބޭފުޅުންނަކީ ހާފިޒުން، ގާރީންނެވެ.
އަހުމަދަށް ކުރިމަތިވި ސިއްހީ މައްސަލައާ ހެދި ހާފިޒު ކަމުގެ ކޯސް މެދުނުކެނޑުނު ނަމަ އޭނާ ވެސް ހުންނަވާނީ އެ އާއިލާގެ ހާފިޒުންގެ ތެރޭގަ އެވެ.
ރައީސްގެ އާއިލާގައި ތިން ހާފިޒުން ތިއްބަވާއިރު އެ ހުރިހާ ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުންނެވެ. އެއީ މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީ އަދި ހުސެއިން ޝަޔާޒެވެ. މީގެ ތެރެއިން މޫސައަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށް އިންތިހާބުވުމާ ގުޅިގެން، "މިހާރު" ގެ ޓީމުން ހިންނަވަރަށް ގޮސް އެ މަނިކުފާނުގެ އާއިލާއާ އެކު ކުރި އިންޓަވިއުގައި އަހުމަދާއި އެ އާއިލާގެ ވަރަށް ގިނަ ވާހަކަތައް ތިން ހާފިޒުން ކިޔައިދީފައި ވެ އެވެ.
އަހުމަދު ފާހަގަ ކުރެވިފައި ވަނީ އާއިލާގެ ނަމުން ނަމަ ދޮންބެ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެ ވަރަށް ބޮޑަށް ލޯބިވާ، އަދި އެ މަނިކުފާނަށް އިހުތިރާމް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އާއިލާގެ އެންމެ އިސްބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ދެކޭތީ، އެ މަނިކުފާނުގެ ވާހަކަތައް "މިހާރު" ގެ އިންޓަވިއުގައި ދެއްކިއިރު، އަހުމަދު ފާހަގަކުރެވުނީ ވަރަށް ގިނައިން ކަންކަން އޮޅުން ފިލުވައި ދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.