އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ބައްދަލުކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. އެއީ، މަރާލި ކުއްޖާ އަކީ ޖެންޑާގެ އެހީތެރިކަން ދެމުން އައި ކުއްޖެއް ކަމަށް ބުނާތީ ކުއްޖާއާ މެދު އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށެވެ.

ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުގައި މަރާލާފައި އޮއްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.