ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވާފައިވާ މަައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހޯދަން އެދުނު މައުލޫމާތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސާފުކޮށްދީފި އެވެ.
އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މަހުލޫފުގެ މައްސަލައިގައި އޭސީސީގެ ސިޓީ ލިބިފައިވާ ކަމަށެވެ. އެއަށް ފަހު މައްސަލަ ދިރާސާކުރާނެ ކަމަށް ވިދާޅުވި އެވެ.
"މަހުލޫފުގެ މައްސަލައިގައި ދައުވާކުރުމާ މެދު އަވަހަށް ގޮތެއް ނިންމާނަން،" ޝަފީއު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އިތުރު ބައެއް މައުލޫމާތުތައް ހޯދަން އޭސީސީގައި ދެ ފަަހަރެއްގެ މަތިން އެދިފަ އެވެ. އޭސީސީން ޖަވާބު ދީފައިވަނީ އެ ސިޓީއަށެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭސީސީގައި ހޯދަން އެދުނީ، ހެކިތަކަކާ ގުޅޭ ލިޔުންތަކެކެވެ. މަހުލޫފަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ސާފުކުރަން ބޭނުންވާ ކަންތައްތައް ސާފުކުރުމަށް ފަހު ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ.
އެ ކޮމިޝަނުން ބުނީ އެ ފައިސާ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.