މޭކަޕްގެ ވާހަކައަކީ ބޮޑު މައުލޫއެކެވެ. ހަގީގަތުގައި ވަކި ކޮޅެއް ނަގަން އުނދަގޫ ބަހުސެކެވެ. އެއީ އަންހެނުން ކުރަން "ޖެހޭ" ކަމެއްގެ ގޮތުގައި (ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި) އޮންނަ ވިސްނުމަށް ގޮންޖަހަން ފަހަކަށް އައިސް ވަނީ ފަށައިފަ އެވެ. ދެން އޮތީ އޭގެ އަނެއްކޮޅެވެ. މޭކަޕްކުރާ މީހުންނަށް ފާޑުކިޔުމަކީ ވެސް ރަނގަޅު ކަމަކަށް ނުވެ އެވެ. އެއީ ޒާތީ ކަމަކަށް ވާތީ އެވެ. އެކަމަކު ކުޑަކުދިންނާ ހިސާބުން އެކަން އެބަ ތަފާތުވެ އެވެ.

ކުދިން މޭކަޕާ ދޯޅު ކުރުވަންވީ ކިހާ ވަރަކަށް ހެއްޔެވެ؟

ދަރިން މޭކަޕް ކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި ހަރުލަމުންދާ މަންޒަރު މިހާރު ފެނެ އެވެ. ކުއްޖާގެ އުމުރުން އެންމެ ދެ އަހަރުގައި ތުންފަތުގައި ކުލަ ޖައްސަން ފަށާ މީހުން ވެސް އުޅެ އެވެ. ގެއިން ބޭރަށް ނެރޭ ކޮންމެ ފަހަރަކު މޭކަޕް ކޮށްފައި ނޫނީ ކުދިން އެއްވެސް ތަނަކަށް ނުގެންދާ މައިންބަފައިން މަދެއް ނޫނެވެ. ސްކޫލުގެ އެކި ހަރަކާތްތަކަށް މޭކަޕްކުރުމަކީ ވެސް ފާޑަކަށް މަޖުބޫރުވެފައި އޮންނަ ކަމެކެވެ. މިއީ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ފޯރާނެ ކަމެއްކަން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެ އެވެ. ނުވަތަ އެކަން ގަބޫލު ނުކުރަނީ އެވެ.

ކުޑަކުދިންނަށް މޭކަޕް ކޯހެއް، މިއީ ތިން ވަނަ ބުރު

މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާ އިން ފެނުނު އާދަޔާޚިލާފު އިޝްތިހާރަކުން ބައެއް މީހުން ދިޔައީ ސިއްސައިގެންނެވެ. މޭކަޕްކޮށް، އިސްތަށިގަނޑު ހަދައި، ނިޔަފަތީގައި ކުލަ ޖައްސައި، އެންމެ ޒަމާނީ ގޮތްގޮތަށް ހެދުން އަޅަން ދަސްކޮށްދޭ "ކޭމްޕެއް" ރާއްޖޭގައި އޮތް ވާހަކަ އެވެ؛ އުމުރުން ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށެވެ! އެ އިޝްތިހާރު ބުނާ ގޮތުން "ޒީނަތްތެރިވުމާއި މޭކަޕްކުރުމުގެ އަސްލު އަދި ހަގީގީ މައުލޫމާތު އަހަރެމެންގެ ދަރިންނަށް ޅަ އުމުރުގައި އެނގުމަކީ ވަރަށް މުހިއްމު" ކަމެކެވެ! ސުވާލަކީ، ކޯސް ހިންގަން އުޅޭ މީހާ އެ "މުހިއްމުކަން" ކަނޑައެޅީ ކިހިނެއް ހެއްޔެވެ؟

ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް މޭކަޕާއި ފެޝަން ދަސްކޮށްދޭ ކޯހެއްގެ އިޝްތިހާރެއް: މި ކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.
ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް މޭކަޕާއި ފެޝަން ދަސްކޮށްދޭ ކޯހެއްގެ އިޝްތިހާރެއް: މި ކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

ގިނަ ބައެއްގެ ލޮލުގައި ދެން އަޅައިގަތީ އެ އިޝްތިހާރުގައި ވަށް ބުރަކުން އަލިއަޅުވާލާފައި އޮތް ލިޔުންކޮޅު، "ތިންވަނަ އެޑިޝަން" އެވެ. ވަރަށް ބޮޑު އެއްޗެއް އަންގައިދޭ ދެ ލަފްޒެވެ؛ ކުރިން ވެސް، މިހާ ކުޑަ ކުދިންތަކަކަށް މި އެއްޗެހި ދަސްކޮށްދީފައި އޮތީ އެވެ! ކޮންމެވެސް ބަޔަކު އެ މީހުންގެ ދަރިން މި ތަނަށް ފޮނުވީ އެވެ! އަދި ތިން ވަނަ ކޯހަކަށް ވެސް ޑިމާންޑް އޮތީ އެވެ!

ކުއްޖަކަށް 1،000 ރުފިޔާގެ ފީއެއް ނަގައިގެން މި ކޯސްތައް ހިންގާ މީހަކަށް "ސާބަސް" ދިން ގޮތަށް، މި ކަހަލަ ކަމެއްގައި ކުދިން ބައިވެރިކުރާ ބެލެނިވެރިންނަށް ވެސް އެތައް ފާޑުކިޔުމެއް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އަމާޒުކޮށްފަ އެވެ. އެކަކު ސިފަކުރި ގޮތުގައި މިއީ ކުދިންނަށް ކުރާ އަނިޔާއެކެވެ. އެހެން ބައެއް މީހުން ވަނީ، ކުޑަކުދިން އެ ކުދިންގެ މައުސޫމްކަން މަތީގައި ބޭތިއްބުމަށާއި މޭކަޕް ކުރަން ނުޖެހޭނެ ކަން ދަރިންނަށް އަންގައިދޭން ގޮވާލައިފަ އެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟

"ނޭދެވޭ މެސެޖުތަކެއް"

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ އެޑްވޮކެޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ދެކެނީ "ކުޑަކުދިންނަށް މޭކަޕް ޕްރޮމޯޓްކުރުމަކީ އެކުދިން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެންދާނެ ކަމެއް" ކަމަށެވެ. އަންހެންކުދިން ބާރުވެރިކުރުމުގެ ކެމްޕެއިނެއް ހިންގަމުން އަންނަ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުރުތަޟާ މޫސާ ފާހަގަކުރެއްވި ގޮތުގައި އިޝްތިހާރުކޮށްފައިވާ ކޯސް ފަދަ ކަންތައްތަކުން ކުދިންނަށް އެ ދެވެނީ "ވަރަށް ނޭދެވޭ މެސެޖުތަކެ"ކެވެ.

"މީގެ ބަދަލުގައި، ކުދިންނަށް ދަސްކޮށްދޭންވީ އަމިއްލަ ނަފްސަށާއި ހަށިގަނޑަށް އިހުތިރާމް ކުރުމަށާއި ސިފައަށް ވުރެ މުހިއްމީ ކުދިންގެ ވިސްނުމާއި ސުލޫކުކަން،" އޭނާ ވިދާޅުވި އެވެ.

"އަދި މީހުންގެ ކިބައިގައި އެކި ތަފާތުތައް ހުރުން އެއީ ރަނގަޅު ކަމެއްކަން ކުދިންނަށް ދަސްކޮށްދޭން ވެސް ވާނެ."

އެގާރަ އަހަރުގެ އަންހެންކުއްޖަކު ހުރި ޒުވާން މަންމައަކު ބުނިގޮތުގައި މޭކަޕް ކުރަން ކުޑަކުދިންނަށް ބޮޑެތި މީހުން ހިތްވަރު ދިނުމަކީ ހިތާމަހުރި ކަމެކެވެ.

"މިއީ ބައެއް މީހުންނަށް ވަރަށް ކަމުދާ ކަމަކަށް ވާނީ،" ކުޑަކުދިންގެ މޭކަޕް ކޯހަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

"އަހަރެން މިއީ މޭކަޕާ އެހާ ރައްޓެހި މީހެއް ނޫން. ދަރިފުޅު ވެސް މޭކަޕެއް ނުކުރަން. މޭކަޕް ނުކުރިޔަސް އެ ކުއްޖަކީ ރީތި ކުއްޖެއްކަން ކުދިންނަށް އެނގެން ޖެހޭ. އެ ކުއްޖަކު ހުންނަ ގޮތާ މެދު ހިތްހަމަނުޖެހިގެން އުޅެން ހިތްވަރު ލިބޭ ކަހަލަ ކަންތައް ކުރުމަކީ ކުދިންނަށް ދުޅަހެޔޮ ކަމެއް ނޫން."

ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ކޮންމެވެސް ވަރަކަށް ބައެއް ފަހަރު މޭކަޕް ބޭނުންކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެކަން އާދައަކަށް ނެހެދީމާ ނިމުނީ އެވެ. މިސާލަކަށް ސްކޫލުގެ ކޮންސަޓް ފަދަ ހަރަކާތަކަށް ނުވަތަ ޚާއްސަ މުނާސަބަތެއްގައި ލިޕް ގްލޮސްކޮޅެއް އުނގުޅާލައި ނިޔަފަތީގައި ކުލަ ޖައްސާލެވިދާނެ ކަން އެކަކު ފާހަގަކުރި އެވެ.

މޭކަޕުން މިންޖުވަނީ

ދުނިޔެ މިހާރު މި އޮތީ ބަދަލެއްގެ ތެރޭގަ އެވެ. ބުރުސޫރަ އާއި ޒީނަތްތެރިކަމުގެ ބޭރުން އަންހެނުން ބަލައިގަތުމަށް ގޮވާލާ ގޮވުންތަކުގެ އަޑު މިހާރު ގަދަ އެވެ. އަންހެނުން ތިބެން ޖެހޭނީ ވަކި ބައްޓަމެއްގައި، ވަކި ގޮތަކަށް ނަލަހެދިގެން ކަމަށް ދުށުމަކީ މިހާރު ބޯދާ ވިސްނުމެކެވެ. ޒަމާނުއްސުރެ އަންހެނުންނަށް އޮތް އެ "ޕްރެޝަރުން" މިންޖުވެ، ތޮށިގަނޑު ފަޅާލާފައި ނުކުތުމުގެ ރާޅެއް މި ފަހުން ސޯޝަލް މީޑިއާގައި ވަނީ ނަގައިފަ އެވެ. ހަމައެކަނި އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ "#ނޯމޭކަޕް" ޕޯސްޓްތަކުގެ އަދަދު 13 މިލިއަނާ ކައިރި ކުރެ އެވެ.

މޭކަޕާ ނުލައި އަންހެނުން ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ހުޅަނގުގެ ގައުމުތަކުގައި އެކަން މަޑުމަޑުން އަންނަނީ ބަދަލުވަމުންނެވެ. ތަހުޒީބު ގޮތަކީ، އަންހެނަކަށް ވިޔަސް ކޮންމެހެން މޭކަޕް ކުރަން ނުޖެހޭނެ ކަމާއި މޭކަޕާ ނުލައި ވެސް ރީތި ކަމަށް ދުށުމެވެ. އަދި މެގަޒިންތަކުގެ ބޭރުގަނޑުން ފެންނަ މީހުން ތިބޭ ގޮތަށް ތިބެން ނުޖެހޭނެ ކަން އަންހެންކުދިންނަށް އަންގައިދީ އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކޮށްދިނުމެވެ.

ހޮލީވުޑްގެ ބޮޑެތި ތަރިން ކަހަލަ މަޝްހޫރު މީހުންނާއި ނުފޫޒު ގަދަ މީހުން މޭކަޕް ނުކޮށް ފޮޓޯ އާއްމުކުރުމާއި އާއްމުންގެ ތެރެއަށް ނުކުތުން އިތުރުވެއްޖެ އެވެ. އެފަދަ އެންމެ ބޮޑު ބަދަލެއް މި ފަހުން ދައްކާފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އެލީޝާ ކީސް އެވެ. އޭނާ ވަނީ މޭކަޕްކުރުން ހުއްޓާލައި އެކަމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.

"ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މޭކަޕް ނުކޮށްފިއްޔާ އަހަރެން ހުންނަނީ ކަންބޮޑުވެފައި: މީހަކު ފޮޓޯއެއް ނަގަން ބޭނުންވެއްޖެއްޔާ ހަދާނީ ކިހިނެއް؟ އެ މީހާ އެ ފޮޓޯ ޕޯސްޓްކޮށްފިއްޔާ ދެން ވާނީ ކިހިނެއް؟ މިއީ އަމިއްލަ ނަފްސަށް އިތުބާރު ކުޑަވީމާ އަދި ހަމައެކަނި ބޭރު ފުށުން ފެންނަ އެއްޗަކާ ދޭތެރޭ ވިސްނާތީ ހަގީގަތުގައި ވެސް އަހަރެންގެ ހިތަށް އެރި އެއްޗެހި. މި ހުރިހާ ފިކުރުތަކެއް ވެސް ކޮންމެވެސް ގޮތަކުން ގުޅިފައި އޮންނަނީ އެހެން މީހުން އަހަންނާ ދޭތެރޭ ދެކޭ ގޮތާ،" މޭކަޕްކުރުން ހުއްޓާލަން ނިންމި ސަބަބު ހާމަކޮށް ކީސް ލިޔުނު މަޒްމޫނެއްގައި ބުނެފައިވެ އެވެ.

"ކަންކަން ފޮރުވާކަށް މީގެ ފަހުން އަހަރެން ބޭނުމެއް ނޫން. އެއީ އަހަރެންގެ މޫނު ވިޔަސް، ވިސްނުން ވިޔަސް، ޚިޔާލުތަކާއި ހުވަފެންތަކާއި ގޮންޖެހުންތަކާއި އިހުސާސްތައް ކަމަށް ވިޔަސް، އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއް ނޫން."

މިއީ ދަރިން ތަރުބިއްޔަތުކުރުމުގައި ގެންގުޅުން ރަނގަޅު ވިސްނުމެކެވެ. އެލީޝާ ކީސް އަށް މޭކަޕަކީ ފާޑެއްގެ އަޅުވެތިކަމެކެވެ. ބޮޑެތި ހަފްލާތަކަށް ދާ އިރު ވެސް އަދި ކޯޗެއްގެ ގޮތުގައި "ދަ ވޮއިސް" ޝޯ އިން ފެންނަ އިރު ވެސް އޭނާ ހުންނަނީ މޭކަޕް ނުކޮށެވެ. އޭގެ ސަބަބުން އާދައިގެ ބައެއް އަންހެނުންނަށް ވެސް ވަނީ މޭކަޕް ދޫކޮށްލަން ހިތްވަރު ލިބިފަ އެވެ.

ކީސް ބުނެފައި ވަނީ އޭނާ މޭކަޕް ކުރުން ހުއްޓާލައި އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ މާނައަކީ މޭކަޕާ ދެކޮޅުވުން ނޫން ކަމަށެވެ. ތެދެކެވެ؛ މޭކަޕް ކުރަން ބޭނުންވާ މީހަކު އެކަން ކުރަންވީ އެވެ. އެކަމަކު، ހިނދުކޮޅަކަށް ނަމަވެސް، ވިސްނާލަމާ ހެއްޔެވެ؟ ކޮންމެ ދުވަހަކު މޭކަޕް ކުރަން "ނުޖެހެންޏާ" ވަގުތާއި ފައިސާ އިން ކުރާ ބޮޑު ހޭދައަކުން ސަލާމަތްވެވި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެދާނެ އެވެ. އަދި އެއަށް ވުރެ ވެސް ބޮޑަށް، މޭކަޕް ކުރުން ނެތް ދުނިޔެއެއް ހިތަށް ގެންނަމާ ހިނގާށެވެ! މިނިވަންކަމެއްގެ އިހުސާސެއް ނުކުރެވޭ ހެއްޔެވެ؟

ފަހަރެއްގައި، ދަރިންނަށް ހޯދައިދޭންވީ އެ ދުނިޔެ އެވެ. އެ އިހުސާސެވެ.