ނެޓްފްލިކްސް އިން ގެނެސްދީގެން މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ދެކުނު ކޮރެއާގެ ވެބް ސީރީޒް "ސްކްއިޑް ގޭމް" ޕްރައިމަރީ ސްކޫލްތަކުގެ ދަރިވަރުންނަށް ނުދެއްކުމަށް އިނގިރޭސިވިލާތުގެ ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް އަންގަން ފަށައިފި އެވެ.
ހާއްސަކޮށް އެ ގައުމުގެ ޕްރައިމަރީ ސްކޫލްތަކުން އެގޮތަށް އަންގަން ފަށާފައި ވަނީ ވަރަށް އަނިޔާވެރި ކަންކަމާއި ފައިސާ ކޮންމެ ފަދަ ގޮތަކަށް ވެސް ހޯދަން ހިތްވަރުދޭ ފަދަ މަންޒަރުތައް އެ ސީރީޒްގައި ދައްކާތީ އެއީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދައްކަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށް ބުނެ އެވެ.
އެކަމަކު ވަރަށް ގިނަ ދަރިވަރުން "ސްކްއިޑް ގޭމް" ބަލައި އޭގައި ކުރާ ކަންކަން ސްކޫލް ތެރޭގެ އާއި ސްކޫލްގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ވެސް ކުރާކަން ފާހަގަ ވަމުންދާ ކަމަށް ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވި އިންޒާރުގެ ސިޓީތަކުގައި ބުނެފައިވެ އެވެ. އެގޮތުން އެ ސީރީޒް ބަލާ ކުދިންގެ ފަރާތުން ނުރަނގަޅު އެތައް ކަމެއް މިހާރު ދިމާވާތީ އެ ސީރީޒް ކުދިންނަށް ނުދެއްކުމަށާއި އަދި ބެލޭނެ ގޮތް ހަދައި ވެސް ނުދިނުމަށް ނުދިނުމަށް ސްކޫލްތަކުން އެދިފައިވެ އެވެ.
"އެ ބަލާފައި އޭގައި ފެންނަ ކަންކަން ކުދިންގެ ފަރާތުން ފެނުމަކީ ސްކޫލުން ތަހައްމަލު ކުރާނެ ކަމެއް ނޫން. އެހެންވީމަ ބެލެނިވެރިންނަށް މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަން،" އިލްފޯޑްގެ ޖޯމް ބްރޭމްސްޓަން ޕްރައިމަރީ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ސިޓީގައި ސްކޫލުން ބުންޏެވެ. "ސްކައިޑް ގޭމްގައި ދައްކާ ކަންކަން ކޮޕީކޮށް އެކަންކަން ކުރުމަކީ ދޭދޭ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުމަށް ވެސް ބުރޫއަރާނެ ކަމެއް."
ސިޓީގައި ފާހަގަ ކޮށްފައިވާ ގޮތުގައި "ސްކްއިޑް ގޭމް" ހާއްސަކޮށްފައި އޮތީ ވެސް 15 އަހަރުން މައްޗަށް ކަމުން ޕްރައިމަރީ ދަރިވަރުންނަށް ބެލެނިވެރިން އެ ނުދެއްކުމަކީ ބެލެނިވެރިންގެ ވަރަށް ޒިންމާއެކެވެ.
"އެކަމަކު ކުދިން އެ ބަލައި އޭގައި ދައްކުވައިދޭ ކަހަލަ ކަންކަން ކުރާން ފާހަގަވާ ނަމަ ބެލެނިވެރިން ސްކޫލަށް ހާޒިރުކޮށް ފިޔަވަޅު ވެސް އަޅާނަން." ސްކޫލުން ބުންޏެވެ.
ޖޯމް ބްރޭމްސްޓަން ޕްރައިމަރީ ސްކޫލުން ބުނީ ކުދިންގެ މުނިފޫހިފިލުވަން ދައްކަން ޖެހެނީ އެ ކުދިންގެ އުޅުމާއި އަހުލާގަށް ހެޔޮ އަސަރު ކުރުވާ ކަހަލަ އުފެއްދުންތައް ކަމަށެވެ. އެހެންވެ ނޭދެވޭ އަސަރުކުރާ ކަހަލަ އުފެއްދުންތައް ކުދިންނަށް ނުދެއްކުމަށާއި އެފަދަ އުފެއްދުންތަކަށް ބެލެނިވެރިން އަބަދު ވެސް ފާރަވެރިވުމަށް ސަމާލުކަން އިލްތިމާސް ކޮށްފައިވެ އެވެ.
ނުވަ އެޕިސޯޑްގެ "ސްކްއިޑް ގޭމް" ގައި ދައްކުވައި ދެނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ޒުވާނުންތަކެއް، ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން އެ މީހުންގެ ދިރިއުޅުން ހީ ވެސް ނުކުރާ ކަހަލަ "ބިރުވެރި އަދި އަނިޔާވެރި" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.