ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އިންހޭލާއެއް ސްވިޑްންގެ ކުންފުންޏަކުން އުފައްދައިފި އެވެ.

އިކޮނޯވާ ކިޔާ ކުންފުނިން ކޮވިޑްގެ ފަރުވާއަކަށް އުފައްދާފައި ވަނީ އަލިފާން ފޮއްޓަކަށް ވުރެ ކުޑަ އަދި ހިމަކޮށް އޮންނަ އިންހޭލާއެކެވެ. ޕްލާސްޓިކް ކަވަރެއްގެ ތެރޭގައި އޮންނަ މި އިންހޭލާ ބޭނުންކުރަން ޕްލާސްޓިކް ކަވަރު ދަމާލަނީ އެވެ. އޭރުން އެތެރޭގައި އޮންނަ އިންހޭލޭ އެކްޓިވޭޓްވާނެ އެވެ. ދެން އެ އަނގަޔަށް ލާފައި ފުންކޮށް ނޭވާލައި އެތެރެއަށް ދަމައިލާނީ އެވެ. އޭރުން މިހާރު ކޮވިޑްގެ ވެކްސިނުން މިދޭ ރައްކާތެރިކަން ލިއްބައިދޭނެ ކަމަށް މި އުފެއްދި ކުންފުނިން ބުނެ އެވެ.

އިކޮނޯވާގެ މި އިންހޭލާ އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވީ ސްވިޑްންގެ އެންމެ ބޮޑު ސައިންސް ޕާކް ކަމަށްވާ މެޑިކޮން ވިލެޖްގެ ކެމިސްޓް އިންޖެމޯ އެންޑަސަން އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑަކީ އާންމު ބައްޔަކަށް ވެދާނެތީ ފަރުވާއަކަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ، ގެންގުޅެން ވެސް ފަސޭހަ ގޮތެއް ހޯދުން ވަރަށް މުހިންމު ކަމަށެވެ.

އިކޮނޮވާ އަކީ މިހާރު ވެސް ނޭވާހިއްލާ މީހުންނަށް ހާއްސަ އިންހޭލާ އުފައްދާ ކުންފުންޏެކެވެ. އެތަނުގެ ސީއީއޯ ޖޯހަން ވެބޯގް ވިދާޅު ގޮތުގައި ކޮވިޑް އިންހޭލާ އަކީ އުފައްދަން ހަރަދު ކުޑަ، ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވާނެ އެވެ. އެހެންވެ ވިޔަފާރި އުސޫލުން އުފައްދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި މަސައްކަތްް އިކޮނޯވާ އިން ކުރަން ނިންމާފައި ވަނީ ސްޓޮކްހޯމްގެ އިމިއުލޮޖީ ސްޓާޓަޕް އައިއެސްއާރްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ ކޮވިޑްގެ ހިކިކުނޑި ވެކްސިން ވެސް އިޖާދުކުރި ކުންފުންޏެވެ. އެ އަންނަނީ ޓެސްޓްކުރަމުންނެވެ.

އިކޮނޮވޯ އިން ބުނި ގޮތުގައި ކޮވިޑް އިންހޭލާ އަކީ މިހާރު ކޮވިޑަށް ބޭނުންކުރާ ވެކްސިންތަކުގައި ވެސް ބޭނުންކޮށްފައިވާ ޕްރޮޓީން ހުންނާނެ އުފެއްދުމެކެވެ.

އިކޮނޯވާ އާއި އައިއެސްއާރްގެ ކޮވިޑް އިންހޭލާ ބާޒާރަށް ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭގެ ކުރިން އެއަށް އެޕްރޫވަލް ހޯދަން ވެސް ކުރަން ޖެހޭ މަސައްކަތްތައް އަދި ކުރިއަށް އޮތީ އެވެ. އެކަމަކު ދެ ކުންފުނީގެ އަމާޒަކީ މާ ދުރު ނޫން މުސްތަގުބަލެއްގައި ކޮވިޑް އިންހޭލާ އާންމުކޮށް ލިބޭނެ ގޮތް ހެދުމެވެ.