ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ސާވިސް ފީއާ އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށާއި ފްލެޓް އެޅުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ކުއްޔަށް އެވަރު ނަގައިގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި ފްލެޓް ލިބުނު މީހުން އިއްޔެ މުޒާހަރާ ވެސް ކުރި އެވެ. އޭގެ ކުރިން 2،000 އެއްހާ މީހުންގެ ސޮޔާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ހުރަވީ ސްކޫލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެޗްޑީސީގެ މެނޭޖިންް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ފްލެޓްގެ އަގަށް އިތުރު ބަދަލެއް ނުގެންނަ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެންނެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
މި ކުލީގައި ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނެތް ލޯނު ދެއްކޭކަށެއް. އަދިއެއް އިތުރު ބަދަލެއް އައިސްފައެއް ނެތް. ކުރިން ކަނޑައެޅިފައިވާ ގޮތަށް 7،500ރ. މަހަކު ދައްކަން ޖެހޭނީ: ސުހައިލް
ސަރުކާރުން އަގު ކުރިއިރު ފްލެޓެއްގެ އަގު ހުރީ 1.2 މިލިއަން ރުފިޔާ އަށެވެ. އަދި 20 އަހަރުން އެ އަދަދު ދައްކާ ނަމަ މަހު ކުލީގެ ގޮތުގައި 10،400ރ. އަރާ ކަމަށް މިދިޔަ ޖޫން މަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރުކޮށް މި ސަރުކާރުން ނިންމީ، 7،500ރ. މަހު ކުލީގެ ގޮތުގައި ނެގުމަށެވެ. އެކަމަކު މިއީ ފިނިޝިން ނުނިންމާ ހަވާލުކުރާ ފްލެޓްތަކަކަށް ބަލާއިރު ބޮޑު އަގެއް ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.
މީގެ ކުރިން ސަރުކާރުން ހިންގި ސޯޝަލް ހައުސިން ސްކީމުތަކުގެ ދަށުން ޖާގައިގެ ގޮތުން ތަނަވަސް ތަންތަން މިއަށް ވުރެ ހެޔޮ އަގެއްގައި ދީފައި އެބަހުއްޓެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓް ހުންނާނެ އެވެ. މި ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތަށް ހަތަރު މަސް ލިބޭނެ އެވެ. އެ މުއްދަތު ގުނަން ފަށާނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެންނެވެ. ފްލެޓް ލިބުނު މީހުންގެ އަތުން އެ މުއްދަތުގައި އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.