ރިޝްވަތު ނެގުމާއި ދައުލަތުގެ އިދާރާއަކަށް އޮޅުވާލި ކަމުގެ ތުހުމަތުގައި އޭސީސީއިން ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި އޭނާއާ މެދު އެއްވެސް ތަފާތެއް ނުކުރާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ފައިސާ އަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ފައިސާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދި ވެސް ދައުވާކޮށްފައި ނުވާތީ އާއި ހެކި ހޯދާފައި ވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ، މަހުލޫފު ކަންބޮޑުވުން ފާޅުކުރައްވަ އެވެ. އޭނާ ތުހުމަތު ކުރައްވަނީ އޭނާގެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.

ދައުވާކުރުމާ މެދު ގޮތެއް ނިމެންދެން މަގާމުން ސަސްޕެންޑުކޮށްފައިވާ މަހުލޫފުގެ ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މީޑިއާތަކަށް ވިދާޅުވީ، އެ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާ އެހެން މައްސަލަތަކެކޭ އެއްގޮތަށް މަހުލޫފުގެ މައްސަލައިގައި ވެސް ހެކި ގަރީނާ ހޯދާފައި ވަނީ ރަނގަޅަށްތޯ ކަށަވަރުކުރާނެ ކަމަށެވެ.

ޕީޖީ އޮފީހުން އެއްވެސް މީހަކާ މެދު ނުހައްގުން އަމަލު ނުކުރާނެ ކަމަށާއި، މަހުލޫފުގެ މައްސަލައިގައި ވެސް އެއްވެސް ތަފާތެއް ނުކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

"މި އޮފީހުން އެއްވެސް މީހަކާ މެދު ނުޙައްގުން އަމަލު ނުކުރަން، މިކަމުގައި އެއްވެސް އިސްތިސްނާ އެއް ނެތް،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގީ އިދާރާތަކާ އެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ ދައުވާ ނުކުރެވި ގިނަ ދުވަސްވާ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވެސް ދިމާވެފައި ވަނީ އެހެން ކަމަށާއި ތަފާތު ނުކުރާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެން. މިއީ މަހުލޫފާ މެދު ތަފާތު ގޮތަކަށް އަމަލުކުރަނީއެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.

މަހުލޫފުގެ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އޭނާ ދެކެވަޑައިގަންނަވާ ގޮތް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި އެއްވެސް މީހަކާ މެދު ގާނޫނާ ހިލާފަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެ ކުރިން ޝަފީއު ވިދާޅުވެފައިވާ ގޮތުގައި މަހުލޫފުގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ނުވާތީ ދައުވާކުރުމާ މެދު ގޮތެއް ނިންމަން ވަކި މުއްދަތެއް ނެތެވެ.

މަހްލޫފް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކުރަން ފޮނުވާ މައްސަލަތައް ދިރާސާކުރަން ހަދާފައިވާ ކޮމިޓީން، އޭނާއަށް ދައުވާ ނުކުރެވޭނެ ކަމަށް ލަފާ ދިނުމުން އެ މައްސަލަ އެ އޮފީހުގެ އެހެން ދެ ބޭފުޅަކާ ހަވާލުކޮށްގެން ކުރިއަށްގެންދަން މަސައްކަތްކުރެ އެވެ.

އަދި އޭނާގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމައި، 60 ދުވަސްވެފައި ވެގެން ގޮސްފައި ވުމަކީ ވެސް އޭނާގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މަހުލޫފު ވިދާޅުވެފައިވާ ގޮތުގައި ތަހުގީގަށް އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާ މީހެއްގެ ބަޔާން ނަގާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ކަމަށެވެ. އަދި ބަޔާން ނެގީ ސަފީރު ހާޒިރުވެ ހުުންނަވައިގެން ކަމަށާއި އެކަން ވެސް ގާނޫނާ ހިލާފު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، އޭނާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ކުރެއްވި ކަމަށް ބުނާ މެސެޖުތައް ހުރި އަދީބުގެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީއެއް ވެސް ނޯންނާނެ ކަމަށާއި އެ ފޯނުގެ ޗެޓް ލޮގްތަކުގައި އޭނާ ކުރި ކަމަށް ބުނާ މެސެޖުތަކެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެސްއޯއެފުން ޑޮލަރު ލިބުނީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށާއި އެކަން އެސްއޯއެފްގެ އައްލާމް ލަތީފްގެ ބަޔާނުން ވެސް އެނގޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެސްއޯއެފުން ދީފައިވާ ޑޮލަރު ގަތުމުގެ ރިސީޓަކީ ފޯޖްކޮށްފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރާ އިރު އޭގައިވާ ސްޓޭމްޕަކީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އައްލާމް ބަޔާން ދީފައިވާ ކަމަށް މަހުލޫފު ވިދާޅުވެ އެވެ.

މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އޭނާއަށް ދައުވާ ކުރަން ފޮނުވީ ސިޔާސީ ގޮތުން "ކަތިލާ ކަންބަޅިއެއް"ގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ އެވެ.