ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ވެސް އަދި އެހެން މައްސަލައެއްގައި ވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފުން މަހުލޫފުގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިިރު، އޭނާ ހުރީ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން މަހުލޫފު ވަނީ ޕީޖީ އޮފީހަށް ސިޔާސީ ބަޔަކު ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިވޭތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ މަހުލޫފުގެ މައްސަލައާ ގުޅިގެން ވެސް އެހެން އެއްވެސް މައްސަލައަކާ ގުޅިގެން ވެސް ސިޔާސީ ފަރާތެއްގެ ނުފޫޒެއް އޭނާ އަށް ނެތް ކަމަށެވެ. އަދި ހުރިހާ މައްސަލަތަކުގައި ވެސް ނިންމާނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލު ކުރެއްވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު 100 ޕަސެންޓު ޔަގީން އަޅުގަނޑަކަށް ސިޔާސީ ނުފޫޒެއް އެއްވެސް ފަރާތަކުންނެއް މި މައްސަލައަކާ ގުޅޭ ގޮތުން ވެސް އެހެން މައްސަލައަކާ ގުޅޭ ގޮތުން ވެސް ނެތް،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފޫޒެއް ނެތް އެއްވެސް ފަރާތަކުންނެއް. އެއީ ސަރުކާރުން ކަމަށް ވިޔަސް މަޖިލީހުން ކަމަށް ވިޔަސް، އޭސީސީއިން ކަމަށް ވިޔަސް އެއްވެސް ފަރާތަކުން އެއްވެސް ނުފޫޒެއް ނެތް. އަޅުގަނޑު އެ މައްސަލައިގައި ވެސް އެހެން މައްސަލައެއްގައި ވެސް ގޮތެއް ނިންމާނީ އަޅުގަނޑަށް އެކަމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބަލާފައި އެގޮތަކަށް ނިންމާނީ،"

ނުފޫޒެއްގައި ޖެހިގެން ވަކި ބަޔަކު ބުނާ ގޮތަށް ކަންތައްތައް ކޮށްދީގެން އުޅޭހާ އޭނާ އަށް މަގާމު މުހިންމު ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އަދި ފާހަގަކުރެއްވީ އަބަދު މަގާމުގައި ވެސް ނުހުންނަވާނެ ކަމާއި، މަގާމުން ވަކިވުމަށް ފަހު ވެސް ދާނީ ވަކީލު ކަމުގެ ޕްރައިވެޓް ޕްރެކްޓިސް ކުރައްވަން ކަމެވެ.

ކުރިން ހަތަރު ރައީސުންނާ އެކު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި އެއްވެސް އިރަކު އެއްވެސް ރައީސެއްގެ ފަރާތުން ވެސް ނުފޫޒެއް ނާންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެއްވެސް މީހަކަށް ނުފޫޒު ފޯރުވަން ކެރޭނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު: އޭނާ ތުހުމަތު ކުރައްވަނީ އޭނާގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް -- ފައިލް ފޮޓޯ: މިހާރު
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު: އޭނާ ތުހުމަތު ކުރައްވަނީ އޭނާގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް -- ފައިލް ފޮޓޯ: މިހާރު

އެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމޭނީ ކިހާ ދުވަހަކުންތޯ ސުވާލުކުރުމުން ޝަމީމް ވިދާޅުވީ، މަހުލޫފުގެ މައްސަލައިގައި އަދިވެސް ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ފުލުހުންނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ދައުވާ ކުރެވޭނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މަހުލޫފުގެ މައްސަލަ ލަސްވެއްޖެ ކަމަށާއި، ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އެކަމެއް ކުރަން އޮންނަ ހަމައަކުން ކަމަށެވެ.

"ތެދެއްމެ، މައްސަލަ ލަސްވެއްޖެ، އަޅުގަނޑު އެކަމަކާ އިންކާރެއް ކުރަނީއެއް ނޫން. އެކަމަކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް ލަސްވިޔަސް ވެސް އެކަމެއް ކުރަން އޮންނަ ހަމައަކުންނޭ އެކަމެއް ކުރެވޭނީ،"

މަހްލޫފް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކުރަން ފޮނުވާ މައްސަލަތައް ދިރާސާކުރަން ހަދާފައިވާ ކޮމިޓީން، އޭނާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ލަފާ ދިނުމުން އެ މައްސަލަ އެ އޮފީހުގެ އެހެން ދެ ބޭފުޅަކާ ހަވާލުކޮށްގެން ކުރިއަށްގެންދަން މަސައްކަތްކުރެ އެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ބައެއް ފަހަރު މައްސަލަތަކުގައި ދެވަނަ ރައުޔެއް ހޯދަން ފޮނުވާ ކަމަށެވެ.

މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް ތުހުމަތު ކުރައްވައި މީގެ ކުރިން މަހުލޫފު ވިދާޅުވެފައި ވަނީ އޭނާ އަކީ ސިޔާސީ ގޮތުން "ކަތިލާ ކަންބަޅިއެއް" ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކޮށްގެން ޖަމާ ކުރި ފައިސާ ކަމަށެވެ.