ޕީޕީއެމް/ޕީއެންސީން ތާއީދު ކުރަނީ މިހާރެކޭ ވެސް އެއްގޮތަށް ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރުމަށް ކަމަށާއި އެމްޑީޕީގެ ވަކި ބަޔަކު ބޭނުންވެގެން ބަރުލަމާނީ ނިޒާމު ގެންނަން މިހާރު ހިންގާ ޕެޓިޝަންގައި އިދިކޮޅުން ސޮއިކުނުރާނެ ކަމަށް އެ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށް، އެ ޕާޓީގެ އާންމު މެންބަރުންތަކެއް ވަނީ އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރު އަޅަން ޕެޓިޝަނެއްގައި މީހުން ލައްވައި ސޮއިކުރުވަން ފަށައިފަ އެވެ. އަދި އެ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމް އޮވެއްޖެ ނަމަ ވެރިކަން މާ އަވަހަށް ބަދަލުވާނެ ކަމަށާއި އޭރުން އެއްވެސް ހަމަޖެހުމެއް މި ގައުމުގައި ނޯންނާނެ ކަމަށެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ދުވަސްވަރު، ބޭއްވީ ނިޒާމީ ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވިޔަސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ތާއީދު މިހާރު އޮތީ ރިޔާސީ ނިޒާމަށެވެ. އެހެންވެ، ޔާމީންގެ ސަޕޯޓަރުން ވެސް އެގޮތުގައި ތިބެން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އައްޑު އަށް މިހާރު ކުރާ ދަތުރުގައި، އެ ކޯލިޝަންގެ ބައެއް އިސްވެރިން ސަޕޯޓަރަކާއެކު.---ފޮޓޯ: ޕީޕީއެމް
އިދިކޮޅު ކޯލިޝަނުން އައްޑު އަށް މިހާރު ކުރާ ދަތުރުގައި، އެ ކޯލިޝަންގެ ބައެއް އިސްވެރިން ސަޕޯޓަރަކާއެކު.---ފޮޓޯ: ޕީޕީއެމް

"އެމްޑީޕީގެ ތެރެއިން ސޮއި ހޯދަމުންދާ ޕެޓިޝަނަށް ޕީޕީއެމުން ތާއީދެއް ނުކުރަން. އަދި އޭގައި ސޮއި އެއްވެސް މެންބަރަކު ސޮއި ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމް ގެންނަން ޕީޕީއެމުން ދެކޮޅު ހެދި ނަމަވެސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ގަދައަށް ވަކާލާތު ކުރައްވާ ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށެވެ.

މިހާތަނަށް އެ ޕެޓިޝަންގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ނުވަ ބޭފުޅެކެވެ.

ނަޝީދު މީގެ ކުރިން ވަނީ އެ މަސައްކަތުގައި ޕީޕީއެމްގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެން 2023 ގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަކީ އެމްޑީޕީ އަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ނަމަވެސް ޕީޕީއެމުން ވަނީ އެ ދައުވަތަށް ފުރަގަސްދީ، އެމްޑީޕީ އަދި ނަޝީދާއެކު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.