ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވާން ފަށައިފި އެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިން އަށް 6،720 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

އެޗްޑީސީން މިއަދު ބުނީ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އެކަމަކު ވިއްކަން ހުޅުވާލާނީ ކިތައް ބިން ކަމެއް އަދި ބިން ވިއްކާނީ ކޮން އަގެއްގައި ކަމެއް ނުބުނެ އެވެ.

އެޗްޑީސީން ބުނިގޮތުގައި އެ މައުލޫމާތު އާންމުކުރާނީ ބިން ވިއްކުމަށް ހުޅުވާލާއިރު އެވެ. ނަމަވެސް ވިއްކުމަށް ހުޅުވާލާ ބިމުގެ ބޮޑުމިނަކީ ހުޅުމާލޭގެ ބިމުގެ ބޮޑުމިނާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފަހަރު ބިން ވިއްކުމަށް ހުޅުވާލާއިރު މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހުންނަށް އެ ފުރުސަތެއް ނުލިބޭނެ އެވެ. މިފަހަރު ބިން ވިއްކާނީ މުޅިން އަލަށް ބިން ގަންނަ މީހުންނަށް އެކަންޏެވެ.

ބިން ހިއްކައިގެން އާބާދުކުރަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން ހުޅުވާލި އެވެ. އެކަމަކު މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފޭހުން "މުއްސަނދިންނަށް" ބިން ވިއްކުން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ބޮޑެތި ލޯނުތައް ނަގައިގެން އެޗްޑީސީން ހުޅުމާލޭ ތަރައްގީކުރަމުން އަންނައިރު ލޯނުތައް އަނބުރާ ދެއްކުމަށް ވިޔަފާރީގެ އުސޫލުން ވެސް އެ ކުންފުނިން ކަންތައްތަކެއް ކުރަންޖެހެ އެވެ. ބިން ވިއްކުމުގެ މަސައްކަތް ވެސް ކުރަނީ އެޗްޑީސީގެ ބިޒްނަސް ޕްލޭނާ އެއްގޮތަށެވެ. ސިޓީއެއްގެ ގޮތުގައި އެތަން ތަރައްގީކުރާއިރު އެކި އެކި ފަންތީގެ މީހުން އެތަނެއްގައި އުޅޭނެ އެވެ. ބިން ވިއްކުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތު ފަހިވުމުގެ އިތުރުން އެކުންފުންޏަށް އިތުރުވާ އާމްދަނީން ސޯޝަލް ހައުސިންގެ އިތުރު މަޝްރޫއުތައް ސަބްސިޑައިޒްކޮށް ކުރިއަށް ގެންދެވޭނެ އެވެ.

ހުޅުމާލެއަކީ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޕްލޭން ހަދާފައިވަނީ އެކި ބޭނުންތަކަށް ހާއްސަކޮށްގެންނެވެ. އޭގައި ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތައް ހިމެނެ އެވެ.

އެ ބިންތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ އާއްމުންނަށް އިޖުތިމާއީ އަދި އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ތައާރަފްކުރާ މަޝްރޫއުތަކަށް ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.