ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ސެޓްލްމަންޓް ކޮމިޓީގެ އުސޫލު އޮތް ގޮތުން ކޮރަޕްޝަނަށް މަގުފަހިވޭ!

އޭސީސީން ބުނީ، ސެޓްލްމަންޓް ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނެތުމުން އެކި މައްސަލަތަކުގައި އެކި ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް. ސަބްސިޑީ ދިނުން ވެސް ހަމަހަމައެއް ނޫން.

03 ސެޕްޓެމްބަރ 2021 - 15:42

6 comments

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އެ ކޮމިޝަނުން އަންނަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި ނަޒާހަތްތެރިކަމާއެކު ކަންކަން ބައްޓަންކޮށް، މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފާދީ، އެ ކަންކަމާ މެދު ދެކޭގޮތް ހާމަކުރުމަށް "ހުދު ކަރުދާސް" ގެ ނަމުގައި ސިލްސިލާ ރިޕޯޓުތައް ނެރެމުންނެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނެރުނު "ހުދު ކަރުދާސް" މި ފަހަރު ހާއްސަ ކޮށްފައި ވަނީ ދައުލަތުގެ މަޝްރޫއުތަކާއި މަސައްކަތްތައް ކުރަން ހަވާލުކުރުމުގެ އެއްބަސްވުންތައް ބާތިލްކުރުމުން ދައުލަތުން ބަދަލު ދިނުމާ ގުޅޭ ކަންކަމަށެވެ. އެގޮތުން، އެ ރިޕޯޓުގައި އޭސީސީ އަށް ހުށަހަޅާފައިވާ ހަ މައްސަލައެއް ހިމަނައި، އެ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންކަމާއި އިސްލާހުކުރަން ދީފައިވާ ލަފާތައް ވެ އެވެ.

އެ މައްސަލަތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި، ބަދަލު ދިނުމަށް ރައީސަށް ލަފާއަރުވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނެތުން ހިމަނާފައިވެ އެވެ. އެކަމުގެ ސަބަބުން އެކި މައްސަލަތަކުގައި އެކި ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް އޭސީސީން ބުނެ އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ސެޓްލްމެންޓް ކޮމިޓީ އަމަލުކުރުމަށް އުސޫލެއް އޮތް ކަމުގައިވީ ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނެ ވަކި ކަންތައްތަކެއް އެ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން އެކި މައްސަލަ އެކި ގޮތަށް ނިމުމުގެ ފުރުސަތު ނުވަތަ ކޮމިޓީން އެ އިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވެ އެވެ،" އޭސީސީގެ ރިޕޯޓުގައި ވެ އެވެ.

ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން އެއްބަސްވުންތައް ހަދާފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށް ވެސް އޭސީސީން ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުން އެ ކޮމިޝަނުން ދެއްކީ ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރަން ހަވާލުކުރި ކުންފުންޏަށް ރިސޯޓު ތަރައްގީކުރަން ލީސް އެކުއިޒިޝަން ކޮސްޓެއް ނުނަގައި، ފަޅު ރަށެއް ހަވާލުކުރި މައްސަލަ އެވެ. އެއްބަސްވުން އުވައިލި އިރު، އެ ކުންފުނިން ހެޑްލީސް ރައިޓްސް އެހެން ކުންފުންޏަކަށް ވިއްކާލާފައި ވުމުން އެ ރަށުގެ ހެޑްލީސް އެއްބަސްވުން ދަމަހައްޓަން ދައުލަތުން ކުރަން ޖެހުނު މަސައްކަތުން، އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އޭސީސީން ފާހަގަކުރި އެވެ.

"މި ފަދަ ގެެއްލުމަކަށް ދައުލަތް ހުށަހެޅުމުން ރައްކާތެރި ކުރެވޭނެ މާއްދާއެއް ނެތުމީ އެފަދަ އެއްބަސްވުންތައް ބާތިލް ކުރުމުން ދައުލަތުން އުފުލަން ޖެހޭ ބުރަ ބޮޑުވާ ކަމެވެ. ހަމަ އެހެންމެ، އެއްބަސްވުންތަކުގައި އެއްބަސްވެފައިވާ މުއްދަތަށް ވުރެ އަވަހަށް އެއްބަސްވުން އުވާލުމުން، މަޝްރޫއު ހަވާލުކުރާ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެދެވޭ ކަންކަން ކަނޑައެޅުމުގައި ހަރުދަނާ ނޫން ނިންމުންތައް ނިންމާފައިވާކަން ފާހަގަކުރެވެ އެވެ،" ޖުމުލަ 30 ސޮފްހާގެ ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި، މަޝްރޫއުތައް ހަވާލުކުރާއިރު ސަބްސިޑީ ދިނުމުގައި ރިއާޔަތް ކުރާނެ ގައިޑްލައިނެއްް ވެސް ނޯވެ އެވެ. އޭގެ ނަތީޖާއަކީ ވަކި ހަމައެއް ނެތި ސަބްސިޑީ ދިނުމެވެ. އެގޮތުން، ބައެއް ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފަޅު ރަށްރަށާއި އެހެނިހެން ވެސް ހަރުމުދާ ދީފައިވާއިރު، އެހެން ބައެއް ކުންފުނިތަކަށް އެފަދަ އެއްވެސް އެއްޗެއް ނުދޭ ކަމަށް އޭސީސީން ބުންޏެވެ.

ސަބްސިޑީ ދިނުމުގައި އެއް ހަމައެއް ގެންގުޅެވިފައި ނެތް ނަމަވެސް ބަދަލަށް އެދުމުގައި ސަބްސިޑީ ދީފައިވާ އަދި ނުދޭ ކުންފުންޏާ މެދު ތަފާތު ކުރާނެ އެއްވެސް މިންގަނޑެއް ކަނޑައަޅާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ކަންކަން ހައްލުކުރަން އޭސީސީގެ "ހުދު ކަރުދާސް" ގައި ވަނީ ލަފާތަކެއް ހުށަހަޅައިފަ އެވެ.

އޭސީސީގެ އާ ވެބްސައިޓު ލޯންޗުކުރުމާއި މުވައްޒަފުންގެ އަގުވަޒަންކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އަނޫލާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ތެރޭގައި، ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އުސޫލެއް ހަދައި ވަކި ކަންތައްތަކެއް އެ އުސޫލުގައި ރިއާޔަތްކުރުން ހިމެނެ އެވެ. އެ ކަންކަމުގައި، ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތު ކޮށްދޭން ޖެހުމާއި ލިބިފައިވާ ގެއްލުމުގެ ހެކި ވަޒަން ކުރާނެ މިންގަނޑެއް އެކުލަވައިލުމަށް ވެސް ހުށަހަޅާފައި ވެ އެވެ.

އެއްބަސްވުންތަކާ ގުޅޭގޮތުން އޭސީސީން ހުށަހެޅި ލަފާ:

- ދައުލަތުން އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތަކުގައި އެއްބަސްވުން ހަދާއިރު، ގެއްލުމެއް ލިބިދާނެ ކަމަށް އަންދާޒާކުރާ މާއްދާއެއް އޮތްކަން ކަށަވަރު ކުރުން.

- އެއްބަސްވުމަކާ ހިލާފު ވެގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ އަދަދާ އެއްވަރަށްކަން އެއްބަސްވުމުގައި ތަފްސީލު ކުރުން.

ޕްރޮކިއުމަންޓާ ގުޅޭގޮތުން ހުށަހެޅި ލަފާ:

- ދައުލަތުން އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތައް ހޮވުމަށް ހުޅުވައިލާ ބީލަމުގެ މަރުހަލާ ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އިންތިޒާމު ކުރުން.

- ދައުލަތުން މަޝްރޫއުތައް ހަވާލުކުރާއިރު، މަސައްކަތުގެ ބާވަތާއި އަގަށް ބެލުމަށް ފަހު، ކުންފުނީގެ ތަޖުރިބާގެ ވަރު ކަނޑައަޅާނެ މިންގަނޑެއް މާލިއްޔާތުގެ ގަވާއިދުގައި ހިމެނުން.

ސެޓްލްމެންޓް ކޮމިޓީ އަކީ ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރަން ރައީސަށް ލަފާއެރުވުމަށް، ޖެނުއަރީ، 27، 2015 ގައި އުފެއްދި ކޮމިޓީއެކެވެ. އެ ކޮމިޓީގައި ހިމެނެނީ އެޓާނީ ޖެނެރަލް، ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު، މައްސަލައާ ގުޅުން ހުރި ވުޒާރާ ނުވަތަ ވުޒާރާތަކުގެ ވަޒީރުން އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓެވެ.

ބަދަލު ދިނުމުގެ ކަންކަން ހަރުދަނާކުރަން އޭސީސީން ލަފާދިންއިރު، ކުންފުނިތަކަށް ބަދަލު ދެމުން އަންނަ ގޮތުން މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލް

04 September 2021

މަޝްރޫއުތައް ހަވާލުކުރާއިރު، މަސައްކަތުގެ ބާވަތާއި އަގަށް ބެލުމަށް ފަހު، ކުންފުނީގެ ތަޖުރިބާގެ ވަރު ކަނޑައަޅާނެ މިންގަނޑެއް މާލިއްޔާތުގެ ގަވާއިދުގައި ހިމެނިފައި ނެތީމަތޯ ކޮލަމާފުށީގަ އަޅާ ފެނަކަ އިމާރާތް އަގު ބޮޑުކޮށް ހުށަހެޅިބަޔަކަށް ދިނީ؟އެތަން ނިމުމާއެކު ކޮލަމާފުށި އެމްޑީޕީ އެންމެ އިސް ބޭބެގެ ގެ ފިނިޝިންގ މަސައްކަތް ފެށިގެންދާނެ.އެމްޑީޕީ ކުރީ ވެރިކަމުގަ ފުލެޓް އެޅިއިރު ގޭގެ ކޮންކްރީޓް މަސައްކަތް ނިންމާލި.މިފަހަރު ގެ ނިމޭނެ ކަމަށް މިބަލަނީ.

The name is already taken The name is available. Register?

އަސް

04 September 2021

ކޮންމެ ކަމަކީ ވެސް އެކަން ކުރަން ތިބޭ ބައެއްގެ ތެދުވެރި ކަމާ ގުޅިފަ ހުންނަ ކަންކަން. މިސަރުކާރޭ އަނެއް ސަރުކާރޭ ކިޔުމުގެ މާނައެއް ނެތް. އިންްސާނާގެ އިހްލާސްތެރި ކަމެއް ނެތިއްޔާ އެއްކަމެއް ވެސް ރަގަޅު ނުވާނެ. ރަގަޅު ވާންވީ ރަގަޅު ކުރަންވީ ތިމާގެ ނަފްސް. ﷲ އަށް އީމާންވެ ހުންނަ މުސްލިމަކު ވައްކަމެއް ނުކުރާނެ، ދޮގެއް ނުހަދާނެ.

The name is already taken The name is available. Register?

Coronavirus

04 September 2021

ސަރުކާރަށް ގެންނަ ބޭސްފަދަ ތަކެތި ޖެހެނި ތިންވަނަ ޕާޓީން ގަތުމުގެ ބަދަލުގައި ސީދާ ކުންފުނިން އެތަކެތި ގަންނަން. ރާއްޖޭގެ ކޮއްމެ ޑޮކްޓަރަކީ މިހާރު ނުގަވައިދުން ވިޔަފާރިކުރާ ބަޔެއް، އެއީ ޑޮކްޓަރުންނެ ނޫން

The name is already taken The name is available. Register?

ޢިބޫ

03 September 2021

މިސަރުކާރުގަ ކޮރަޕްޝަން ނުހިގާ އެއްކަމެއްވެސްނެތް، މިސަރުކާރުގެ މީހެއްގެ ކޮރަޕްޝަން މައްސަލައެއް ޕީޖީއަށް ފޮނުވިޔަސް އެމައްސަލައެއްގެ އުންސުރު ހަމަވަންޏާ ކޯޓަށް ނުފޮނުވާ އޭގެމަތީ އިޝީދެގެނޯތިބޭނި.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

03 September 2021

މިގައުމުގާ ކޮރޮޕްޝަނަށް މަގުފަހިނުވާ އެއްކަމެއްވެސް އޮވޭތަ؟

The name is already taken The name is available. Register?

ޙިނި

03 September 2021

ހަމަތިގޮތައް ބިޑު ކޮމެޓީ މެދުވެރިކޮއްވެސް ކޮރަޕްށަން ހިންގާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454