ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ތާއީދު ކުރުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް މިއަދު ފެށުމާ އެކު، ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތުން އެދިފައިވާތީ އެންމެ ފުރަތަމަ އެ ބައި ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވި އެވެ.
އެކަމަކު ޔާމީންގެ ވަކީލުން އެދިވަޑައިގަތީ އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އެއީ ކަފާލާތާއި ހުކުމް ތަންފީޒުކޮށް ދިިނުން ފަސްކުރުމާ ބެހޭގޮތުން ދައުލަތުގެ ޖަވާބު ޔާމީންގެ ވަކީލުންނަށް ލިބިވަޑައިގަތީ އިއްޔެ ކަމަށްވާތީ އެއަށް ރައްދު ދޭން އިތުރު ވަގުތު ބޭނުންވާތީ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
އެހެންވެ، ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ ބެހޭ ބައި ދެ ދުވަސް ފަހުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އިސްތިއުނާފް ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ވެސް ކުރިއަށް ގެންދިއުމަށެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.
ކަފާލާތަކީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުން ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޓުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ބަންދުން ދޫކުރުމެވެ. ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުންނަށް އިސްތިއުނާފް މަރުހަލާގައި ވެސް ކަފާލާތު ދެވެ އެވެ. ކުށް ސާބިތުވެފައިިވާ މީހުންނަށް ކަފާލާތު ދިނުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. އެންމެ ފަހުން ކަފާލާތު ލިބިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގިއިރު އެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ސުޕްރީމް ކޯޓުން އޭރު އެންގި އެވެ.
ޔާމީންގެ މައްސަލަ ހައި ކޯޓުގައި ހިނގިއިރު ވެސް، އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން އެދުނެވެ. އެކަމަކު އޭރު ހައި ކޯޓުން ނިންމީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހުންނަށް ކަފާލާތު ނުދެވޭނެ ކަމަށެވެ.