މި އަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅީ، އެކަން ކުރުމަށް ޝައުގުވެރިވާ ރަށްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައި ނުލަ އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ފަހަރު މިނިސްޓްރީން ކަނޑައާޅާ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ ކޮވިޑްގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ގޮތުން މާލެއާ ކައިރި ރަށެއްގައި އެކަން ކުރުމަށް ކަމަށެވެ.
ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ އެ ރަށު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގަ އެވެ. މި އަހަރު ފާހަގަކުރާނީ 41 ވަނަ މަސްވެރިންގެ ދުވަހެވެ.
ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ރޯގާ ފެތުރިފައި އޮތުމުގެ ސަބަބުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ވަކި ރަށެއް ކަނޑަނާޅައި އެކި ހަރަކާތްތަކާ އެކު ވާޗުއަލްކޮށެވެ.