ހަމައެކަނި އެންޑްރޮއިޑް ފޯނުތަކުން ނެޓްފްލިކްސް ކޮންޓެންޓްތަކެއް މުޅިން ހިލޭ ބަލައިލެވޭ ޕްލޭނެއް ކެންޔާގައި ތައާރަފުކޮށްފި އެވެ.
މިއީ މިފަދަ ޕްލޭން ދުނިޔޭގެ އެންމެ ބޮޑު އަދި މަގްބޫލް ސްޓްރީމިން ޕްލެޓްފޯމުން ތައާރަފުކުރި ފުރަތަމަ ފަހަރެވެ. ހިލޭ ބެލޭ ގޮތަށް ތައާރަފުކުރި ޕްލޭނުގެ ދަށުން ނެޓްފްލިކްސްގައި ހިމެނޭ ފިލްމާއި ސީރީޒްތައް އިޝްތިހާރުތަކާ ވެސް ނުލައި ލިމިޓެޑްކޮށް އަދި ބަލައިލެވޭ ގޮތަށް އޮތަސް މާ ލަސްތަކެއް ނުވެ އެ ޕްލެޓްފޯމްގެ ހަތަރު ބައިކުޅަ އެއްބައި ކޮންޓެންޓް މުޅިން ހިލޭ ބެލޭ ގޮތަށް ޕްލޭން ފުޅާކުރާނެ ކަމަށް ބުންޏެވެ. އެންމެ ފުރަތަމަ މި ޕްލޭން ކެންޔާގައި މި ތައާރަފުކުރި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް އެ ތައާރަފުކުރުމުގެ ވިސްނުން ވެސް އެބަހުއްޓެވެ.
ނެޓްފްލިކްސްގެ އަމަޒާކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން އެންމެ މަދު ސަރަހައްދުތަކުގައި ސަބްސްކްރައިބަރުން އިތުރުކުރުމަށްޓަކައި، އާންމުންގެ ޝައުގުވެރިކަން ހޯދުމެވެ. އެފްރިކާ އަކީ އަދި ނެޓްފްލިކްސްގެ މާކެޓް މާ ބޮޑު ބައްރެއް ނޫނެވެ.
އެ ކުންފުނީގެ ޕްރޮޑަކްޓް އިނޮވޭޝަން ޑިރެކްޓަރު ކެތީ ކޮންކް ވިދާޅުވީ ކެންޔާ އަކީ ނެޓްފްލިކްސް ބޭނުންކުރާ މީހުން ވަރަށް ވެސް މަދު ތަނެއް ކަމަށެވެ. އެހެންވެ އަލަށް ތައާރަފުކުރި ޕްލޭންގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"މިއާ އެކު އަހަރެމެން އުންމީދުކުރަނީ ކޮންޓެންޓްތަކަށް ހިތްޖެހި އުފެއްދުންތައް އިތުރަށް ބެލުމުގެ ޝައުގުވެރިކަން ބޮޑުވެ ކެންޔާގެ ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަނަށް ދާ މީހުން ވެސް އިތުރުވާން ފަށާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ، "އޭރުން ދެން ޓީވީ އާއިި އެހެން ޑިވައިސްތަކުން ކޮންޓެންޓްތައް ހަމަ ބަލަންވީ."
ހިލޭ ދޫކުރި ޕްލޭނަށް އެކްސެސްވާން ބޭނުން ވަނީ ހަމައެކަނި އީމެއިލް އެޑްރެހެކެވެ. އެކަމަކު އެ މީހަކީ 18 އަހަރުން މަތީގެ މީހަކަށްވާން ޖެހޭނެ އެވެ.
ސްޓްރީމިންގެ ހިދުމަތުގައި މިހާރު ރަސްކަންކުރާ ނެޓްފްލިކްސް އަކީ އެންމެ މުއްސަނދި ކޮންޓެންޓް އޮތް ޕްލެޓްފޯމެވެ. މި ވުޖޫދަށް އައީ 1997 ގަ އެވެ. ފީ ދައްކައިގެން އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 209 މިލިއަނަށް އަރާ އިރު، ހަތަރު ޕެކޭޖެއް ހިމެނެ އެވެ. އެއީ މަހު ފީ އަށް 3.99 ޑޮލަރު (62ރ.) ޗާޖްކުރާ މޮބައިލް ޕްލޭނާއި މަހު ފީ އަށް 7.99 ޑޮލަރު (123ރ.) ޗާޖްކުރާ ބޭސިކް ޕްލޭނާއި މަހު ފީ އަށް 9.99 ޑޮލަރު (154ރ.) ޗާޖްކުރާ ސްޓޭންޑާޑް ޕެކޭޖްގެ އިތުރުން މަހު ފީ އަށް 11.99 ޑޮލަރު (185ރ.) ޗާޖްކުރާ ޕްރީމިއަމް ޕެކޭޖެވެ.