އާސަންދަ ސްކީމުން ހިދުމަތް ހޯދުމުގައި ކޮވިޑު-19 ގެ ސަބަބުން ދިން ލުއިތައް އުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑު ބަލިމަޑުކަމާ ހެދި ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިން ބޮޑެތި ލުއިތަކެއް ދިން ކަމަށެވެ. ނަމަވެސް އެ ކަންކަން، ކުރީގައި ފަރުވާ ދިން ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސްކާން ޖެހޭ މީހުންނަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރު ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލްކޮށް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭސް ދޫކުރާނީ އެންމެ ފަހަރަކު އެވެ.
ދެ ވަނަ ފަހަރު ބޭސް ނެގޭނީ، ކުރިން ވެސް ބޭސް ދޫކުރަމުން އައި ގޮތަށް ޑޮކްޓަރު އާ ބޭސް ސިޓީއެއް ލިޔެދިނުމުންނެވެ.
ޖެނުއަރީ 1، 2020 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް 28 ދުވަސްވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ދިޔައީ ހިދުމަތް ދެމުންނެވެ. އެކަމަކު، އަންނަ ނޮވެމްބަރު 1، 2021 ން ފެށިގެން އާސަންދަ ދޭނީ ކުއްޖާގެ އައިޑީކާޑަށެވެ.
"މި ވަގުތު އައިޑީކާޑު، ޕާސްޕޯޓު އަދި ޑްރައިވިން ލައިސަންސްގެ އަސްލު، ކޮޕީ އަދި ފޮޓޯ އަށް އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ހިދުމަތް ދިނުން ކަމުގައި ވާތީ ހުރިހާ ފަރާތްތަކުން ވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް ހަނދުމަކޮށް އަރުވަމެވެ،" އިއުލާނުގައި ވެ އެވެ.