ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައި ހުރި ފްލެޓްތަކުގެ ކޮރިޑޯތަކުގައި ހަރުކޮށްފައި ހުރި ލައިޓްތައް ގަދަ އަޑެއް އިވުމުން ނޫން ގޮތަކަށް ނުދިއްލޭތީ ފްލެޓްތަކުގެ އެތެރެ އަނދިރިކޮށް އޮންނަ މައްސަލައަށް ހައްލެއް ގެނައުމަށް އެޗްޑީސީން ނިންމައިފި އެވެ.

ހިޔާ މަޝްރޫއުގައި އެޅި 25 ބުރީގެ 16 ޓަވަރުގައި ހަރުކޮށްފައި ހުރީ ވޮއިސް ޑިޓެކްޓެޑް ލައިޓެވެ. އެ ލައިޓްތައް ދިއްލޭނީ އެތަނަށް ވަދެ މީހަކު ތަންކޮޅެއް ބާރަށް އަޑެއް ލައްވާލުމުންނެވެ. އަޑެއް ނުލައްވާ ނަމަ، ރޭގަނޑު ވަގުތު މުޅި ފްލެޓްގެ އެތެރެ އޮންނަނީ އެއްވެސް ތަނެއް ނުފެންނަހާ އަނދިރިކޮށެވެ.

ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ބައެއް މީހުން މިހާރު އެތަނުގައި ވަނީ ދިރިއުޅުން ފަށައިފަ އެވެ. އަނެއް ބަޔަކު ފްލެޓްގެ މަސައްކަތް ނިންމުމަށް 24 ގަޑިއިރު މަސައްކަތް ކުރުމުގެ ހުއްދަދީފައިވާތީ ރޭގަނޑުގެ ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.

ރޭގަނޑު ވެސް ފްލެޓްތަކުގައި ގިނަ ބަޔަކު އުޅޭއިރު ފްލެޓް އަނދިރިވުމުގެ ޝަކުވާ އެމީހުން ވަނީ އެޗްޑީސީގައި ކޮށްފަ އެވެ. އެކަމާ ގުޅިގެން އެޗްޑީސީން މިހާރު ނިންމާފައި ވަނީ ލައިޓް ސިސްޓަމަށް ބަދަލު ގެނައުމަށެވެ. އެ މަސައްކަތް އަންނަ ހަފްތާގައި އެޗްޑީސީން ފަށާނެ އެވެ.

އެ ގެންނަ ބަދަލާ އެކު ޓަވަރުތަކުގެ އެތެރެ ހަވީރު 6 އިން ހެނދުނު 6 އަށް ހުންނާނީ ދިއްލިފައި ކަމަށް އެޗްޑީސީން ބުންޏެވެ.

"ފުދޭވަރަކަށް ލައުޑް ސައުންޑެއް ލިބެންޖެހޭ. ހަމަހިމޭންވެފައި އޮންނައިރު އެކީ ނިވިފައި މި އޮންނަނީ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ސައުންޑް ސިސްޓަމްގެ ސެންސާތައް ބަދަލުކޮށް މޮޑިފިކޭޝަނެއް ގެނައުމުން އެ މައްސަލަ ހައްލުވާނެ އެވެ. އެކަމަކު ޓަވަރުތަކުގައި ހުރި ހުރިހާ ލައިޓެއް ބަދަލު ގެންނަން ވެއްޖެ ނަމަ، ވަރަށް ގިނަ ވަގުތު ހޭދަވާނެތީ އެޗްޑީސީން ނިންމީ ފުރަތަމަ ކޮންމެ ފްލޯއަކަށް ވެސް އާދައިގެ މިންވަރަކަށް ލައިޓް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި ދިނުމަށެވެ.

އެޗްޑީސީން ލަފާކުރާ ގޮތުގައި ދެ މަސް ދުވަހުން އެ ހުރިހާ ޓަވަރެއްގެ ލައިޓްގެ މައްސަލަ ހައްލުކުރެވޭނެ އެވެ.