މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.
ޒިޔަތާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކޮށްފައި ވަނީ އެމްޓީސީސީގެ ސައިޓުތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމުގައި ޒިޔަތު އަމަލުކުރައްވާފައިވާ ގޮތާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެެކެވެ.
އެ މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކަށް ބޭނުންވާ ބިދޭސީން ރެކްރޫޓް ކުރުމަށް ޖުލައި 20، 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާ އެކު އެމްޓީސީސީން އެއްބަސްވުން ހަދާފައިވެ އެވެ.
އޭސީސީން ބުނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމަށް އެދޭއިރު އެމްޓީސީސީން އަމަލުކުރަން ޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އުސޫލާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމަށް ހާއްސަ ޖޮބް އޯޑަރެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން އޯޑާ ފޮނުވާފައި ވަނީ އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެކަނި ކަމަށާއި އެ ޖޮބް އޯޑަރަށް ހުއްދަ ދީފައިވަނީ އޭރު ސީއީއޯގެ މަގާމުގައި ހުރި ޒިޔާތު ކަމަށް އޭސީސީން ބުންޏެވެ.
އެ އޯޑަރަކީ އެކަމާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން ތައްޔާރު ކޮށްފައިވާ ދެވަނަ އޯޑަރު ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމްޓީސީސީން ފުރަތަމަ އޯޑަރު އީމެއިލްކޮށްފައިވީ ނަމަވެސް ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެ ކުންފުނިން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައި ވަނީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސް އަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
ދެވަނަ އޯޑަރު ކުރި އިރު އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމްޓީސީސީއާ އެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ނުގެނެވޭނެ ކަމަށް އޮތީ އަންގައިފަ އެވެ.
ނަމަވެސް އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސް އަށް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ވެސް އެ އޯޑަރާ ގުޅޭ ހުއްދައިގެ ލިޔުމުގައި އެމްޓީސީން ބަޔާން ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ..
އޭސީސީން ބެލި ބެލުމުން އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައި ނެތް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ އެމްޓީސީސީގެ ސްޕެޝަލް ޖޮބް އޯޑަރާ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް އޮގަސްޓު 30، 2017 ގައި އެ ކޮމިޝަނުން އަންގާފައިވީ ނަމަވެސް އޭގެފަހުން ވެސް އެ ކުންފުނިން އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަން ތަހުގީގުން އެނގޭ ކަމަށެވެ.
ޒިޔަތަކީ ސަރުކާރުގެ ކޯލިޝަން ޕާޓީ، އެމްއާރްއެމްގެ ޓިކެޓުގައި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަ ކުރެއްވި ބޭފުޅެކެވެ.